އަންނަ އާދީއްތަ، ހޯމަ އަދި އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގެ ޝަރީއަތްކުރުން ހުއްޓާލަން ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު މިއަދު ސަން އަށް ވިދާޅުވީ އެގޮތަށް ނިންމީ ދަތުރުވެރިންގެ މާރުކޭޓު ކައިރީ ހުރި އެސްޓީއޯގެ އިމާރާތައް އެކޯޓު ބަލުވާތީ ކަމަށެވެ.

"އެ އިމާރާތައް ބަދަލުވުމުގެ މަސައްކަތް އަޅުގަނޑުމެން މިދަނީ ކުރަމުން،" މަނިކު ވިދާޅުވިއެވެ.

މިހާރު ކްރިމިނަލް ކޯޓު ހިންގަމުން އަންނަނީ ޖަސްޓިސް ބިލްޑިންގ ގެ ދެވަނަ ފަންގިފިލާގައެވެ. އާ އިމާރާތައް ބަދަލުވާން ނިންމީ އެ ކޯޓުގައި އެކަށީގެންވާވަރަށް ޖާގަ ނެތުމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ޚާއްސަކޮށް މި ކޯޓުގައި މަސައްކަތް ކުރައްވާ ގާޒީންނަށް ވެސް އެބޭފުޅުންގެ މަސައްކަތްތައް ކުރިއަށްގެންދިޔުމަށް ޖަސްޓިސް ބިލްޑިންގ ގައި އެކަށީގެންވާ ޖާގައެއް ނެތް،" މަނިކު ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓު ބަދަލުކުރާތަނުގައި މިހާތަނަށް ހިންގަމުން އައީ ސިވިލް ކޯޓުގެ ބައެއް ސެކްޝަންތަކެވެ.

ތިން ދުވަހަށް ޝަރީއަތްކުރުން ހުއްޓާލިނަމަވެސް ޖިނާއީ ކުށެއް ކުރިކަމަށް ތުހުމަތުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމަށް މަނިކު ވިދާޅުވިއެވެ.