17 Mar 2016, 14:35
ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖަށް ރާއްޖޭން ދާ ޝެފުން ތައްޔާރުކުރުމަށް ހާއްސަ ޕްރޮގްރާމެއް ހިންގައިފިއެވެ.
"މާސްޓާ ކްލާސް ވިތު ގިއާ ސްކީ"ގެ ނަމުގައި ހުޅުލޭ އައިލެންޑް ހޮޓަލުގައި މިއަދު ހިންގި އެ ޕްރޮގްރާމުގައި މައުލޫމާތު ދިނީ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ކަލިނަރީ ޗެލެންޖް ކަމަށްވާ ބުކޫސްޑޯ 2009 ވަނަ އަހަރު ކާމިޔާބުކޮށްފައިވާ ނޯވޭގެ މަޝްހޫރު ޝެފް އަދި ރެސްޓޯރެންޓް އޯނަރު ގިއާ ސްކީއެވެ.
މޯލްޑިވްސް އެކްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސް (އެމްއީސީއެސް)އާއި ބެސްޓް ބައި މޯލްޑިވްސް ގުޅިގެން ބޭއްވި އެ ޕްރޮގްރާމްގައި ރާއްޖޭގެ 52 ރިސޯޓަކުން 150 މީހުން ބައިވެރިވި އެވެ.
މަޝްހޫރު ޝެފް ގިއާ ސްކީ. ސަން ފޮޓޯ: މުޙައްމަދު ނަސީމު
ޕްރޮގްރާމްގައި މައުލޫމާތު ދިނީ ހޮޓެލް އޭޝިއާ އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖްގައި ޖަޖުން ބަލާނެ ކަންތައްތަކާއި ބެހޭ ގޮތުންނާއި ބައިނަލް އަގުވާމީ އެފަދަ މުބާރާތްތަކުގައި ވާދަކުރާ އިރު ސަމާލުކަންދޭންވީ ކަންތައްތަކާއި ބެހޭ ގޮތުންނެވެ. އަދި ބައިނަލް އަގުވާމީ އެފަދަ މުބާރާތްތަކުން ގިއާ ސްކީއަށް ލިބިފައިވާ ތަޖުރިބާ ބައިވެރިންނާ ހިއްސާކުރި އެވެ.
އޭގެ އިތުރުން ތަފާތު ގިނަ ކާނާތައް ކެއްކުމާއި ގާނިޝް ކުރުމުގައި ބޭނުންކުރެވިދާނެ މޮޅު ހުނަރުތައް ބައިވެރިންނަށް އަމަލީ ގޮތުން ދައްކާލި އެވެ. އެކަން ކުރިއަށް ގެންދިޔައީ ގިއާ ސްކީ އާއި ސްރީލަންކާގެ ބުކޫސް ޑޯ ގެ ރައީސް ރޯހަން ފެރްނާންޑޯޕުއްލޭ އެވެ.
ހުޅުލޭ އައިލެންޑް ހޮޓަލުގައި މިއަދު ބޭއްވި ޕްރޮގްރާމްގައި ރާއްޖެއަށް ބުކޫސްޑޯ ތައާރަފްކޮށް، ބުކޫސްޑޯގެ ރާއްޖޭގެ ޗެޕްޓާ އިފްތިތާޙުކުރި އެވެ.
ބުކޫސްޑޯ އަކީ ފްރާންސްގެ ފްރާންސްގެ ލިއޯންގައި 1983 ވަނަ އަހަރުން ފެށިގެން ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ. އެ މުބާރާތަށް ނަންދީފައި ވަނީ ފްރާންސްގެ ޝެފެއް ކަމަށްވާ ޕައުލް ބުކޫސްގެ ނަމުންނެވެ. ލިއޯންގައި ބާއްވަން ފެށި އެމުބާރާތް ދުނިޔޭގެ އެކި ސަރަހައްދުތަކަށާއި ގައުމުތަކަށް ފަހުން ތައާރަފްކުރިއެވެ. އަދި އެއަށް ފަހު، ގައުމުތަކުގެ މުބާރާތްތައް ކާމިޔާބު ކުރާ މީހުން ސަރަހައްދީ މުބާރާތްތަކުގައި ވާދަކޮށް، އަދި އެމުބާރާތްތަކުން ކާމިޔާބު ހޯދާ މީހުން ލިއޯންގައި އޮންނަ، ދުނިޔޭގެ މުބާރާތުގައި ބައިވެރިވާ ގޮތަށް ކުރިއަށް ގެންދާ ދުނިޔޭގެ އެންމެ ޝަރަފުވެރި އެފަދަ މުބާރާތަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.
މިއަހަރުގެ ބުކޫސްޑޯ އޭޝިއާ ޕެސިފިކް ބާއްވާނީ ސިންގަޕޫރުގައެވެ. އެމުބާރާތުން ހޮވާލެވޭ އެންމެ މޮޅު ޝެފުން ފްރާންސްގެ ލިއޯންގައި އޮންނަ ބުކޫސްޑޯގެ އެންމެ ބޮޑު މުބާރާތުގައި ބައިވެރިކުރާނެއެވެ.