17 Mar 2016, 14:23
މިދުވަސްވަރަކީ ރާއްޖެ އަށް ހޫނު ދުވަސްވަރެއް ކަމަށާއި މިހަތާނަށް ރާއްޖޭގެ ހޫނުމިން އެންމެ މައްޗަށް ދިޔައީ މި މަހު 35.4 ޑިގްރީ ސެލްސިއަސްއަށް ކަމަށް މެޓް އޮފީހުން ބުނެފި އެވެ. މިއީ ވޭތުވެދި 18 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ އަށް މިހާ ބޮޑަށް ހޫނު ގަދަވި އަހަރެވެ.
މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފަހަކަށް އައިސް ހޫނުމިން މައްޗަށް ދިއުމާއި އެލްނިނޯ ބާރުގަދަވުމަކީ ވިހަގޭހުގެ ސަބަބުން ޖައްވު ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުން ފަދަ މޫސުމީ ބަދަލުތަކާ ގުޅިގެން ދިމާވާ ކަންކަން ކަމަށެވެ.
ކުރިއަށް އޮތް ދެ މަހު ވެސް ރާއްޖެ އަށް ހޫނުގަދަވާނެ ކަމަށާއި އެހެންކަމުން ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާ މިއަދުގެ މޫސުން
ދެކުނުގެ ބައެއް ރަށްތަކަށް ގުގުރުމާ އެކު ކެރީގެ އަސަރު ފޯރާނެ. އެހެންހިސާބުތަކުގެ މޫސުން އާންމު ގޮތެއްގައި ރަގަޅުވާނެ.
އުތުރާއި އިރު އުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެބާރުމިނުގައި ވައިޖެހޭނެ.
ރާއްޖޭގެ ކަނޑުތައް މަޑުވާނެ.
މީގެ ކުރިން ރާއްޖެ އަށް އެންމެ ހޫނުގަދަވި ދުވަސްވަރެއްގެ ގޮތުގައި ރެކޯޑުތަކުން ދައްކަނީ 1998 ވަނަ އަހަރު އެވެ. އެއީ 30.4 ޑިގްރީ ސެލްސިއަސް އެވެ. އޭރު ވެސް ހޫނު ގަދަވުމުގެ މައްސަލަތައް ކުރިމަތިވަތިވީ އެލްނީނޯއެއްގެ ބާރުގަދަކަން ދުނިޔެ ތަޖުރިބާ ކުރި ދުވަސްކޮޅަކާއި ދިމާކޮށް ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.