ކުޑަ ފިރިހެން ކުއްޖަކާ މެދު ޖިންސީ އަމަލު ހިންގި މީހަކު 15 އަހަރަށް ޖަލަށްލުމަށް ހދ. ކުޅުދުއްފުށީ ކޯޓުން ހުކުމް ކޮށްފި އެވެ.

ހދ. ކުޅުދުއްފުށީ އިރުޖުވާގޭ އަހުމަދު އިބްރާހީމްގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ ސްކޫލެއްގައި ކިޔެވި ކުއްޖަކަށް ފާތު އެކި ދުވަސްމަތިން ޖިންސީ އަމަލު ހިންގި ކަން ޝަރީއަތަށް ސާބިތުވުމުންނެވެ. އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައި ވަނީ ގްރޭޑް ދޭކުން ފެށިގެން، ގްރޭޑް ހަތަކާ ހަމައަށް އެ ކުއްޖާ ކިޔެވި ދުވަސްވަރުގަ އެވެ.

ކުޅުދުއްފުށީ ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ ދައުލަތުން ކުރި އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ އަށް އަހްމަދު އިބްރާހީމް އިންކާރުކުރި ނަމަވެސް، ޝަރީއަތަށް ހުށަހެޅިފައިވާ ހެކިތަކުން އޭނާގެ މައްޗަށް އެ ކުށް ސާބިތުވާ ކަމަށެވެ.

އަހުމަދު އިބްރާހީމްގެ މައްޗަށް އެ ހުކުމް އިއްވާފައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނާ މެދު ޚާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ށ) ގެ ދަށުންނެވެ.

ފުލުހުން އަހުމަދު އިބްރާހީމް ހައްޔަރުކުރިއިރު އޭނާގެ އުމުރަކީ 34 އަހަރެވެ. މިހާރު އޭނާގެ އުމުރަކީ 38 އަހަރެވެ.