17 Mar 2016, 13:49
ލަންޑަން (މާޗް 17): އެމެރިކާގެ ވެރިކަމަށް ވާދަކުރައްވަމުން ގެންދަވާ ޑޮނަލްޑް ޓްރަމްޕް އެ ގައުމުގެ ރައީސް ކަމަށް ހޮވުމަކީ ދުނިޔެއަށް އޮތް އެންމެ ބޮޑު 10 ނުރައްކަލުގެ ތެރެއިން އެއް ނުރައްކާ ކަމަށް އިނގިރޭސިވިލާތުގެ ދިރާސާ ކުރާ ގްރޫޕެއް ކަމަށްވާ އިކޮނިމިސްޓް އިންޓެލިޖެންސް ޔުނިޓު (އީއައިޔޫ)ން ބުނެފި އެވެ.
އީއައިޔޫން ބުނީ ޓްރަމްޕް ރައީސް ކަމަށް ހޮވިއްޖެ ނަމަ ދުނިޔޭގެ އިގުތިސާދަށް އަސަރުކޮށް އެމެރިކާގެ ސިޔާސީ އަދި ސަލާމަތީ ނުރައްކާތައް އިތުރުވާނެ ކަމަށެވެ. ނަމަވެސް، ޑިމޮކްރަޓިކް ޕާޓީގެ ރިޔާސި ކެނޑިޑޭޓަކަށް ހޮވޭނެ ކަމަށް އެންމެ ބޮޑަށް ލަފާ ކުރެވޭ ހިލަރީ ކްލިންޓަންގެ މައްޗަށް ޓްރަމްޕަށް ކުރި ހޯއްދެވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ވެސް އީއައިޔޫން ބުންޏެވެ.
ނުރައްކާތެރި ކަމުގެ މިންވަރުން އެކަކާއި 25 ދެމެދުގެ ރޭޓިންތައް ދީފައިވާ އެލިސްޓުގައި، ޓްރަމްޕް ވެރިކަމަށް އައުމުން ދުނިޔެއަށް އޮތް ނުރައްކަލަށް ދީފައި ވަނީ 12ގެ ރޭޓިންއެކެވެ. އެއީ "ޖިހާދީ ޓެރަރިޒަމްގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް ލޮޅުންއެރުމުގެ" ނުރައްކަލާ އެއްވަރުގެ ނުރައްކަލެކެވެ.
އަދި އެއީ އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމާއި ދެކުނު ޗައިނާ ކަނޑުގައި ހަނގުރާމައެއް ފެށުމަށް ވުރެން ވެސް ދުނިޔެއަށް ނުރައްކާ ބޮޑު ކަމެއް ކަމަށް އީއައިޔޫގެގެ ލިސްޓުން ދައްކަ އެވެ.
ދުނިޔެއަށް އެންމެ ނުރައްކާ ބޮޑު ކަންތައްތަކުގެ ތެރޭގައި އީއައިޔޫން ފާހަގަކޮށްފައި ވަނީ ޗައިނާގެ އިގުތިސާދީ ކުރިއެރުން މަޑުޖެހުމާއި ރަޝިއާއިން ސީރިއާއާއި ޔޫކްރެއިންއަށް ބާރު ފޯރުވުމުގެ ސަބަބުން އާ "ފިނި ހަނގުރާމައެއް" ފެށުމެވެ. (ބީބީސީ)