ބ. ވައްކަރު ކައިރީގައި އޮތް އެސްޓީއޯގެ ބޯޓަކުން ދެ ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލާގައި ހައްޔަރުކުރި މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވަނިކޮށް އެމީހާ ހައްޔަރުކުރަން ހައިކޯޓުން އަމުރުކޮށްފި އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހު ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަންގައި ހައްޔަރުކުރި ރ. ރަސްގެތީމު ސަންސައިން، އިބްރާހީމް މަޙްމޫދު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރު ނެރުނީ މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އެވެ.

މަޙްމޫދު ދޫކޮށްލަން އަމުރު ނެރުނީ އޭނާގެ ސިއްހީ ހާލަތުހުރި ގޮތުން ކަމަށް ބުނެ އެވެ.

އެ އަމުރު ދައުލަތުން އިސްތިއުނާފުކުރުމުން މައްސަލަ ބެލުމަށް ފަހު ހައިކޯޓުން އިއްވި ހުކުމްގައި ވަނީ މަޙްމޫދުގެ ޞިއްހީ ހާލަތާ ގުޅިގެން ދައްކާފައިވާ ވާހަކަތަކަށާއި އޭނާގެ ފަރާތުން ހުށަހެޅި ސިއްޙީ ހާލަތާ ގުޅޭ ލިޔުންތަކަށް ބަލާ އިރު އޭނާ އަކީ ބަލި ހާލަތުގެ މައްޗަށް ބިނާކޮށް، ގޭ ބަންދަށް ބަދަލުކުރަންޖެހޭވަރުގެ ސީރިއަސް ބަލި ހާލަތެއްގައި ހުރި މީ ހެއްކަމުގައި ބެލެވެންނެތް ކަމަށެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ވައްކަރަށް ހިލަ އާއި ހިލަވެލި ހިފައިގެން ދިޔަ އެ ބޯޓުން ޖުމްލަ ދެ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.