17 Mar 2016, 13:39
ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަންތަކަކާއެކު 4 ބިދޭސީއަކު ހައްޔަރު ކޮށްފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ، ބަންގްލަދޭޝް އަށް ނިސްބަތްވާ 24 އަހަރުގެ ފިރިހެނަކާއި 27 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ ފިރިހެނެއްގެ އިތުރުން ސްރީ ލަންކާ އަށް ނިސްބަތްވާ 26 އަހަރުގެ އަންހެނެކެވެ.
ފުލުހުން ބުނީ އެ މީހުން ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރުކުރާ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ހުކުރު ދުވަހު ކަމަށެވެ.
އެ މީހުން ހައްޔަރު ކުރުމަށްފަހު ކޯޓު އަމުރެއްގެ ދަށުން އެ މީހުން ތިބި ދެ ގެއެއް ބަލައި ފާސްކުރިއިރު ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 20 ލީޓަރުގެ 17 ހަމާއި 1.5 އެމްއެލްގެ ފުޅިއެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ހަމައެއާއެކު، 500 އެމްއެލްގެ ފުޅިއަކާއި ފަސް ލީޓަރުގެ ދެ ފުޅި އަދި ބަނގުރާކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ބާލިދީއަކާއި ބާސްކެޓެއްގެ އިތުރުން ޓައްޕެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ބަނގުރާ ކެއްކުމަށް ބޭނުން ކުރާ ބައެއް ތަކެތި ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ، ހައްޔަރު ކުރި ހަތަރު މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީ އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އަންނަނީ ތަހުޤީޤު ކުރަމުންނެވެ.