17 Mar 2016, 13:19
ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޖޫން މަހު ފަށާ ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ގައުމީ ޔުނިވާސިޓީގެ ރަޖިސްޓަރާ މިއަދު "ސަން" އަށް ވިދާޅުވީ، މި އަހަރުގެ ޖޫން މަހު ޖުމްލަ 10 ދާއިރާއަކުން 82 ކޯހަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
"މި ވަގުތަށް އިއުލާނު ކުރީ 82 ކޯސް، ފަހުން ބައެއް ކޯސްތަކަށް އިއުލާނު ކުރާނެ، ތަފާތު ލެވެލްތަކުން،" ރަސިޖްޓަރާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މި އަހަރުގެ ޖޫން އިންޓޭކުގައި ޖުމްލަ 4155 ކުދިންނަށް ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.
ހަމައެހެންމެ، މިފަހަރުގެ ކޯސްތަކުގެ ފީތަކަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށް ވެސް ރަޖިސްޓަރާ ވިދާޅުވި އެވެ.
ޖޫން މަހުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފޯމު ޔުނިވާސިޓީ އިން މިހާރު ވަނީ ދޫކުރަން ފަށައިފަ އެވެ. އަދި ފޯމުތައް އަންނަ މަހު ތިން ވަނަ ދުވަހުން ފެށިގެން ބަލައިގަންނަން ފަށާނެ ކަމަށާއި ފޯމު ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ މެއި މަހުގެ 26 ވަނަ ދުވަސް ކަމަށް ގައުމީ ޔުނިވާސިޓީ އިން ބުނެ އެވެ.
ގައުމީ ޔުނިވާސިޓީގެ ކޯސްތަކަށް ކުރިމަތި ލުމަށް މިފަހަރު ހުޅުވާލާފައިވާ ދާއިރާތަކަކީ، ފަތުރުވެރިކަން، ޓީޗިންގު، އިންޖިނިއަރިންގް، ހެލްތު، އިސްލާމީ ތަރުބިއްޔަތު، ބިޒްނަސް، ގާނޫނު، ނެވިގޭޝަން، ގެ އިތުރުން އާޓްސް ދާއިރާ އެވެ.