ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން އިސްނަގައިގެން ކެމްޕެއިން ލީޑަރުން ތަމްރީނު ކުރުމަށް ކުރިއަށް ގެންދާ މަހާސިންތާގައި ބައިވެރިވާނެ ރައީސަކު ކަނޑައަޅަނީ ޕީޕީއެމްގެ މުޝްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނާއި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާ ދެ ބޭފުޅުން މަޝްވަރާކުރައްވައިގެން ކަމަށް ރައީސް ޔާމީންގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން ކެމްޕެއިން ލީޑަރުން ތަމްރީނު ކުރުމަށް ކުރިއަށް ގެންދާ މައްހާސިންތާ އިއްޔެ ފަށާފައިވާ އިރު އެ މަހާސިންތާކުރިއަށް ދާނީ ތިންދުވަހުގެ މުއްދަތަކަށެވެ.

މަހާސިންތާއާ ބެހޭ މައުލޫމާތު ހިއްސާކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމުގައި ރައީސް މައުމޫނަށް މަހާސިންތާގައި ބައިވެރިވުމަށް ދައުވަތު ނުދޭތީ އެކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެމުން މުއާޒު ވިދާޅުވީ ރައީސުންނާއި ގައުމުތަކުގައި ވެރިކަން ކުރައްވާފައި ތިއްބަވާ ބޭފުޅުން ހަފްލާތަކުގައި ބައިވެރިވަނީ "އެއް ރައީސަކު އަނެއް ރައީސަކާއި ފައްތަރު ނުވާނެ ގޮތުގެ މަތިން" ކަމަށެވެ.

މިފަހަރުގެ މަހާސިންތާގައި ބައިވެރިވާނީ ކޮން ރައީސެއްތޯ ކަނޑައެޅުމަށް ރައީސް ޔާމީނާއި މައުމޫނުގެ އިހުތިޔާރުގެ ދަށަށް މިފަހަރު ދޫކޮށްލާފައިވާ ކަމަށް މުއާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ މިފަހަރުގެ މަހާސިންތާއަށް އަޅުގަނޑުމެން މިގެންގުޅުނު އުސޫލަކީ ދެރައީސުން ވާހަކަފުޅުދައްކަވާފައި އެ ދެ ބޭފުޅުން ނިންމަވާ ގޮތެއްގެ މަތިން މިރޭ ފެނިގެންދާނެ،" މުއާޒު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް މުއާޒު ޕްރެސް ކޮންފަރެންސްގައި ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން މުއާގެ ވާހަކަތަކަށް ބަލާ އިރު މިރޭގެ ހަފްލާގައި ރައީސް މައުމޫނު ބައިވެރިވެ ވަޑައިގަންނަވާނެ ކަމަކަށް ނުބެލެވެ އެވެ.

ސެޕްޓެމްބަރު 10، 2015: ރައީސް ޔާމީން 2018 ކެމްޕެއިން މަހާސިންތާގެ ދެ ވަނަ ބުރު ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ސަންފޮޓޯ/ އަލީ ނަސީރު

މަހާސިންތާ ކުރިއަށް ދަނީ ޕީޕީއެމްގެ ހަރަކާތެއްގެ ގޮތުގައި ނޫންކަމަށް މުއާޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއީ ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން އިސްނަގައިގެން މެޑަމް ފާތިމަތު އިބްރާހިމްގެ ބެއްލުވުމުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

"ޕީޕީއެމްގެ ރަސްމީ އޮފީހާ މިއޮފީހާ ހުރި ތަފާތަކީ، އަޅުގަނޑުމެންނަކީ ޕީޕީއެމުން ބާއްވާ ކޮންމެ ކަމެއްގައި އެހީތެރިކަން ފޯރުކޮށްދޭ މީހުން. ޕީޕީއެމުން ޖަލްސާއެއް ބޭއްވިޔަސް އަޅުގަނޑުމެންގެ ކުދިން އުޅޭނީ." މުއާޒު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ކެމްޕޭން ހަރަކާތްތަށް ކުރިއަށް ގެންދަނީ އެމަނިކުފާނުގެ އިސްނެންގެވުމަށް ނޫން ކަމަށާއި އެއީ ރައީސް ޔާމީންއަށް ތާއީދުކުރައްވާ ބޭފުޅުން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތްތަކެއް ކަމަށް މުއާ ވިދާޅުވި އެވެ. އަދި ރައީސް ޔާމީންގެ ކެމްޕެއިން ކުރިއަށް ގެންދަނީ ޕީޕީއެމުން އެންޑޯސްކޮށްގެން ނޫންކަމަށް ވެސް މުއާޒު ވަނީ ވިދާޅުވެފަ އެވެ.

"މިއީކީ އެއްވެސް ހާލެއްގައި ޕީޕީއެމްގެ ކައުންސިލަކުންނެއް ނުވަތަ ވަކި ގުނަވަނަކުންނެއް ފާސްކޮށްގެން އެބޭފުޅުންގެ ވޯޓަކުން އަޣުލަބިއްޔަތު ލިބިގެން މިއުސޫލުން ދާކަމެއް ނޫން." މުއާ ވިދާޅުވި އެވެ.

މަހާސިންތާގެ ފުރަތަމަ ބުރު ހާއްސަކުރީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. ދެ ވަނަ ބުރު ހާއްސަކުރީ ފ. އަތޮޅުން ފެށިގެން އައްޑު އަތޮޅާ ދެމެދުގެ ރަށްތަކަށެވެ.

އެ މަހާސިންތާގައި ބައިވެރިވަނީ ޕީޕީއެމްގެ ގޮފިތަކުން އެ ޕާޓީގެ މަންދޫބުން އެކަންޏެވެ.