މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ކޮންމެ އަހަރަދު ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި އެވެ.

މީޑިއާ ކައުންސިލްގެ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ އިއްޔެ ބޭއްވި ބޯޑު ބައްދަލުވުމުގައި އެ މުއްދަތު އިތުރުކޮށްފައި ވަނީ މި މަހުގެ 31 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އަށް ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރީ މީޑިއާތަކުން އެގޮތަށް އެދެމުންދާތީ ގިނަ ބަޔަކަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

މީޑިއާ ކައުންސިލުން ބޭނުންވަނީ ވެސް އެ އެވޯޑަށް ވީހާވެސް ގިނަ ނޫސްވެރިން ކުރިމަތިލުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މިއަހަރު ހަތް ދާއިރާއަކުން އެވޯޑަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އޭގެތެރޭގައި ހިމެނެނީ އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ކޯޓާއި ޝަރުއީ ދާއިރާ، ވިޔަފާރިއާއި އިގްތިސޯދީ ދާއިރާ، ކުޅިވަރު ދާއިރާ، ފޮޓޯ ޖާނަލިޒަމް ދާއިރާ، ވީޑިއޯ ޖާނަލިޒަމް ދާއިރާއެވެ.