17 Mar 2016, 13:05
ހިތުގެ ބަލިތަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗުގައި ގާއިމްކުރަމުންދާ ނޭޝަނަލް ކާޑިއަކް ސެންޓަރު އަންނަ މަހު ހުޅުވައި ހިދުމަތް ދޭން ފަށާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.
އައިޖީއެމްއެޗުގެ ސީއީއޯ ފަރުހަތު ޝަހީރު "ސަން"އަށް ވިދާޅުވީ ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ދިނުމުގެ ގޮތުން ބޭރުގެ ފަރާތްތަކާ ގުޅިގެން ބައެއް ޑިޕާޓުމަންޓުތަކުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ނޭޝަނަލް ކާޑިއަކް ސެންޓަރުގެ ހިދުމަތް ދޭނީ އިންޑިއާގެ މެޑިޓްރިނާ ހޮސްޕިޓަލާ ގުޅިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އަންނަ އޭޕްރީލް މަހުގެ ތެރޭގައި އެ ހިދުމަތް ދޭން ފެށޭނެ. މިހާރު އެތަން ތައްޔާރުވެ، ބޭނުންވާ އިކިއުޕްމަންޓުތަކުގެ ތެރެއިން ބައެއް މިހާރު ވަނީ މާލެ އަށް ވަނީ ވަދެފައި. އަނެއްބައި އިކިއުޕްމަންޓުތައް އައުމުގެ މަގުމަތީގައި ހުރީ،" ފަރުހަތު ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ ސީއީއޯ ފަރުހަތު ޝަހީރު "ސަން" އަށް އިންޓަވިއު ދެއްވަނީ --- ސަން ފޮޓޯ/ މުހަންމަދު އަފްރާހް
ފަރުހަތު ވިދާޅުވީ އެންމެ ކާޑިއަލޮޖިސްޓެއް ހުރެގެން އެފަދަ ތަނެއް ނުހިންގޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ކާޑިއަކް ސެންޓަރުގެ ހިދުމަތް ފުރަތަމަ ދޭން ފަށާއިރު މެޑިޓްރިނާ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އެ ދާއިރާއިން ހާއްސަކޮށް އައިޖީއެމްއެޗުގައި ތިއްބެވި ސްޕެޝަލިސްޓުންނާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އަމާޒެއް އެބައޮތް. އެ އަމާޒަކީ މި މަސައްކަތް ފަށާއިރު ކުރިއަށް އޮތް ފަހެއް ނުވަތަ ދިހަ އަހަރު ތެރޭގައި އަޅުގަނޑުމެންގެ ދިވެހި ޑޮކްޓަރުން ތަމްރީނު ކޮށްގެން ދިވެހިންގެ އަތްމައްޗަށް މިކަންކަން ގެނައުން. އެކަމަކު ދިވެހިން ތަމްރީނު ކޮށްގެން ކާޑިއަކް ސެންޓަރެއް ގާއިމްކޮށް އެތަނަށް ބޭނުންވާ ތަކެތި ގެނެސް މިކަން ކުރަން ވެއްޖިއްޔާ ހަމަ ރައްޔިތުން އަޅުގަނޑުމެން ކޮންމެ ދުވަަހަކު އިންޑިއާ އަށް ފޮނުވަ ފޮނުވާ ތިބެން ޖެހޭނީ،" ފަރުހަތު ވިދާޅުވި އެވެ.
ނޭޝަނަލް ކާޑިއަކް ސެންޓަރެއް ގާއިމްކުރުމަށް މެޑިޓްރިނާ ހޮސްޕިޓަލާއި އެކު އައިޖީއެމްއެޗުން ސޮއިކުރީ މިިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15ވަނަ ދުވަހު އެވެ.