17 Mar 2016, 13:06
ހުޅުމާލެއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ދިން ދެ ޖަނަރޭޓަރު ހުޅުމާލެއަށް ގެންގޮސް ހިދުމަތް ދިނުމަށް ފަށާފައިވާ އިރު ދެން ކަރަންޓުގެ މައްސަލަ ކުރިމަތިނުވާނެ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.
ސްޓެލްކޯގެ މީޑިއާ ކޯޑިނޭޓަރު އިބްރާހީމް ރައޫފް މިއަދު "ސަން"އަށް ވިދާޅުވީ އެމްއޭސީއެލުން ދީފައިވާ ދެ ޖަނަރޭޓަރު ޓެސްޓްތައްކޮށް ހިދުމަތް ދިނުމަށް ބޭނުންކުރަން ތައްޔާރުކުރެވިފައިވާ ކަމަށާއި ދެން ކަރަންޓު ކެނޑުމުގެ މައްސަލަ ހުޅުމާލެއަށް ދިމާނުވާނެ ކަމަށެވެ.
"ކުރިން ކަރަންޓު ކެނޑުންހެން ދެން ކަރަންޓެއް ނުކެނޑޭނެ،" ރައޫފު ވިދާޅުވި އެވެ.
ހުޅުމާލެއިން ކަރަންޓް ކެނޑެންދިމާވީ 1500 ކިލޯ ވޯޓުގެ ޖަނަރޭޓަރު އޯވަހޯލް މަސައްކަތެއް ކުރަނިކޮށް ދެން ހުރި 1500 ކިލޯ ވޯޓުގެ ޖަނަރޭޓަރަށް މައްސަލައެއް ދިމާވުމުގެ ސަބަބުންނެވެ.
ސްޓެލްކޯ އިން ހުޅުމާލެއަށް ގެންނަ ދެ ޖަނަރޭޓަރު ގެންނަން އަދި ހަ ހަފްތާއެއްހާ ދުވަސް ނަގާނެ ކަމަށް ވެސް ރައޫފު ވިދާޅުވި އެވެ. ހުޅުމާލޭގައި ހައުސިން ފުލެޓު އިތުރުވުމާ އެކު އިތުރު ޖަނަރޭޓަރު ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައޫފު ވިދާޅުވި އެވެ.
ހުޅުމާލެއަށް ދާދިފަހުން ވަނީ ކަރަންޓުގެ މައްސަލަ ކުރިމަތިވެފަ އެވެ. އެގޮތުން އެކި ވަގުތުތަކުގައި އެ އަވަށުން ދަނީ ކަރަންޓު ކަނޑަމުންނެވެ.