17 Mar 2016, 12:50
ޕާކިސްތާނު (16 މާޗު 2016) -- ގައުމަށް ގައްދާރުވުމާއި އަދި އެ ނޫން ވެސް ދައުވާތަކެއް އުފުލާފައިވާ ޕާކިސްތާނުގެ ކުރީގެ ރައީސް ޕަރުވޭސް މުޝައްރަފު ގައުމުން ބޭރަށް ދަތުރު ކުރުމުގެ ހުއްދަ އެ ގައުމުގެ ސުޕްރީމް ކޯޓުން ދީފަ އެވެ.
އެ ހުއްދައިގެ ދަށުން އޭނާ އަށް ގައުމުން ބޭރަށް ދަތުރުކޮށް ބޭސް ފަރުވާ ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
ކުރީގެ ޖެނަރަލް ގައުމުން ފުރުމުގެ ހުއްދަ ދިނުމަކުން އޭނާގެ މައްޗަށް ދައުވާ ކުރާ، ކުއްލި ހާލަތު އިއުލާން ކުރުމާއި ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލުމުގައި ބައިވެރިވި ކަމަށް ކުރާ ތުހުމަތުން ބަރީއްޔައެއް ނުވެވޭނެ އެވެ.
ނަމަވެސް 70 އަހަރުގެ މުޝަރައްފު އެ ހުރިހާ ދައުވާތަކަށް އިންކާރު ކުރެ އެވެ. އަދި ވިދާޅު ވަނީ އެއީ ސިޔާސީ ގޮތުން އޭނާގެ މައްޗަށް ކުރާ ދައުވާތަކެއް ކަމަށެވެ.
މެޔަށް ތަދުވާތީ މިދިޔަ ޖެނުއަރީ މަހު އޭނާ ވަނީ ފަރުވާ ހޯއްދަވައިފަ އެވެ. އަދި މިދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ވަނީ މައިބަދައިގެ މައްސަލައެއްގައި ހޮސްޕިޓަލުން ފަރުވާ ހޯއްދަވައިފަ އެވެ.
މުޝަރައްފުގެ ތަރުޖަމާނު ވިދާޅުވީ ސިއްހީ ގޮތުން މުޝަރައްފަށް ދަތުރު ކުރުމުގެ ހުއްދަ ލިބޭ ނަަމަ ފަރުވާ އަށް ފަހު އޭނާ އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށެވެ.
ބަޣާވާތަކުން މުޝައްރަފު ވެރިކަމަށް ވަޑައިގައިގަތީ 1999 ވަނަ އަހަރު އެވެ. އަދި ޑިމޮކްރަޓިކް ވެރިކަމެއް 2008 ވަނަ އަހަރު އަންނަންދެން އޭނާ ރައީސް ކަމުގެ މަގާމުގައި ހުންނެވި އެވެ.
މައުލޫމާތު: ބީބީސީ