17 Mar 2016, 11:35
އޮސްޓްރޭލިއާގެ އެންމެ ބޮޑު މީޑިއާ އޮގަނައިޒޭޝަން، ފެއާފެކްސް މީޑިއާއިން 120 ވަޒީފާއިން މީހުން ވަކިކުރާނެކަން އެ އޮގަނައިޒޭޝަނުން އިއުލާނުކުރުމާއި ގުޅިގެން އެތަނުގެ ނޫސްވެރިން އިހުތިޖާޖު ކުރަން ފަށައިފި އެެވެ.
އެ މީޑިއާގެ ސްޓާފުންނަށް މެއިލް މެދުވެރިކޮށް މިދިއަ ބުރާސްފަތި ދުވަހު އަންގާފައި ވަނީ މިއަހަރުގެ ބަޖެޓުގެ ތާށިކަމާއި ގުޅިގެން ގިނަ މުވައްޒަފުން ވަޒީފާއިން ވަކިކުރަން ޖެހިފައިވާ ކަމަށެވެ.
ފެއާފެކްސް މީޑިއާގެ ޗީފްއެގްޒެކެޓިވް ޕައުލް މާފީ ވިދާޅުވީ ފެއާފެކްސްގެ ނިއުސްރޫމުގައި ގިނަ ދުވަސްވަންދެން މިނިވަން ނޫސްވެރިކަމެއް ދެމެހެއްޓުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ އެމީހުންނަށް ދޭންވީ ހަދިޔާ ނޫންކަމަށެވެ. އަދި "ކޮންމެ ނޫސްވެރިއެއްގެ ވަޒީފާއަށްޓަކައިވެސް އަހަރެމެން ފައިޓް ކުރާނަން" ކަމަށް މާފީ ވިދާޅުވި އެވެ.
ނޫސްވެރިން ދަނީ ސޯޝިއަލް މީޑިއާގައި އެމީހުންގެ ޝުއޫރު ފާޅު ކުރަމުންނެވެ. އަދި ބުނެފައިވަނީ ހޯމަ ދުވަހުގެ ކުރިން އެއްވެސް މުވައްޒަފަކު އޮފީހަށް ނުނިކުންނާނެ ކަމަށެވެ.
ފެއާފެކްސްގެ ނޫސްވެރިޔާ ޖިލް ސްޓާކް ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެއީ އޮސްޓެރޭލިއާގެ މިނިވަން ނޫސްވެރިކަމަށް ކުރިމަތިވި ބަނަ ދުވަހެއް ކަމަށާއި، ނޫސްވެރިކަމުގެ ކުރިމަގާއި އޭނާގެ ކުރިމަގާއި މެދު ކަންބޮޑުވާ ކަމަށެވެ.
Worried for my own future and my colleagues, but this is also just a terrible day for journalism and media diversity in Australia.#Fairfax
— Jill Stark (@jillastark)March 17, 2016
ފެއާފެކްސްގެ މެނޭޖްމެންޓުން ކުރި މެއިލްގައި ބުނެފައިވަނީ ވަޒީފާއިން ނޫސްވެރިން ވަކިކުރަނީ އޯޑިއެންސްގެ ތާއީދު އޮތް ވަރަށް ބެލުމަށް ފަހު ކަމަށެވެ.
ފެއާފެކްސްއަކީ އޮސްޓްރޭލިއާގައި އެންމެ ގިނަ މީހުން ވިސިޓްކުރާ ނިއުސް ވެބްސައިޓެވެ. ނަމަވެސް އެނޫހާ ވާދަކޮށް ކުރިއަރަމުންދާ ވެބްސައިޓް ތަކުގެ ތެރޭގައި ހަފިންގްޓަން ޕޮސްޓް، ޑެއިލީ މެއިލް އަދި ގާޑިއަންވެސް ހިމެނެ އެވެ.