ސެމްސަންގް ކުންފުނީގެ ގެލެކްސީ ސީރީޒްގެ ފޯނުތަކުގެ އެންމެ ފަހުގެ ފޯނު ކަމަށްވާ "އެސް ސެވަން" އަދި "އެސް ސެވަން އެޖް" ފޯނުތައް އުރީދޫއިން ދޫކުރަން ފަށައިފި އެވެ.

އުރީދޫގެ ސީނިއާ އެގްޒެކެޓިވް ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު މިއަދު ސަން އަށް ވިދާޅުވީ ޕްރީ އޯޑާ ކޮށްފައިވާ ފަރާތްތަކަށް އެ ފޯނުތައް ދޫކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ. އުރީދޫއަށް 300 އަށްވުރެ ގިނަ ފަރާތްތަކުން އެފޯނުތައް ހޯދުމަށް ޕްރީ އޯޑާ ކޮށްފައިވާ ކަމަށް ވެސް ނޫރާ ވިދާޅުވިއެވެ.

އުރީދޫ އިން އެސް ސެވަންގެ ސީރީޒްގެ ދެ ފޯނު ޕްރީއޯޑަރަށް ނަގަން ފަށާފައި ވަނީ ފޯނު ލިބޭ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނަކާވެސް އެކީގަ އެވެ.

ނޫރާ ވިދާޅުވީ ޕްރީ އޯޑަރަށް ފޯނު ނަގާ ފަރާތްތަކަށް އަހަރު ދުވަސް ވަންދެން ކޮންމެ މަހަކު ހިލޭ ގުޅާލުމުގެ ފުރުސަތާއެކު ހިލޭ ޑޭޓާ ލިބިގެންދާނެ ކަމަށެވެ.

ގެލެކްސީ އެސް7 ވިއްކުމަށް ހަމަޖެހިފައި ވަނީ 11،399 ރުފިޔާއަށެވެ. އަދި އެޖް ވިއްކުމަށް ހަމަޖެހިފައި ވަނީ 13,499 ރުފިޔާއަށެވެ.

އުރީދޫ އިން ޕްރީއޯޑަރުގެ ފުރުސަތު ހުޅުވާލި އިރު އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިންސްޓޯލްމަންޓަށް ފޯނު ނެގޭ ޕެކޭޖެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ.

އިންސްޓޯލްމަންޓަށް ފޯނު ނަގާ ފަރާތްތަކުން ފައިސާ ދެއްކުމަށް ދީފައި ވަނީ އަހަރު ދުވަހުގެ މުއްދަތެވެ. އެސް ސެވަން އިންސްޓޯލްމެންޓަށް ނަގާ ފަރާތްތަކުން މަހަކު ދައްކަން ޖެހޭނީ 789 ރުފިޔާ އެވެ. އެޖް އަށް މަހަކު 989 ރުފިޔާ ދައްކަން ޖެހެ އެވެ.އިންސްޓޯލްމަންޓަށް ފޯނު ނަގާ ފަރާތްތަކުން ޑައުން ޕޭމަންޓުގެ ގޮތުގައި 1،999 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ.

އެސް ސެވަންގެ ފޯނު ތަކަކީ ގިނަ ވަގުތު ބެޓެރި ހިފަހައްޓާ، ވޯޓާ ޕްރޫފް ފޯނުތަކެކެވެ. އެ ދެ ފޯނު ވެސް ވަޔަލެސްކޮށް ޗާޖު ކުރެވެއެވެ. ފޯނު އޮން ކުރުމަކާ ނުލައި، އަބަދުވެސް ގަޑިއާ ކަލަންޑަރު އަދި މުހިންމު ނޮޓިފިކޭޝަންތައް ސްކްރީނުން ފެންނަން ހުންނާނެ އެވެ.