ހެލްތު މިނިސްޓްރީ އިން އިންތިޒާމުކޮށްގެން ސިއްހަތާ ގުޅުން ހުރި މައުލޫމާތު ސާފު ކުރުމުގެ ސާވޭއެއް މާލޭގައި ފަށައިފި އެވެ.

"މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސާވޭ"ގެ ނަމުގައި މިއަދު ފެށި އެ ސާވޭގައި ގުރުއަތުން ހޮވޭ ގެތަކަށް ޓީމުތަކުން ޒިޔާރަތްކޮށް އެ ގޭބީސީތަކުގައި ދިރިއުޅޭ 15 އަހަރާއި 49 އަހަރާ ދެމެދުގެ ދެ ޖިންސުގެ މީހުންނާއި، އަދި ފަސް އަހަރުން ދަށުގެ ކުޑަކުދިންގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން ސުވާލު ކުރާނެ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެއެވެ.

ހެލްތު މިނިސްޓްރީ އިން ބުނީ، އެ ސާވޭގެ ސަބަބުން ރާއްޖޭގެ މައިގަނޑު ސިއްހީ ހާލަތު ދެނެގަނެވި ކުރިމަގުގައި ސިއްހީ ކަންކަން ކަނޑައެޅުމަށް ބޭނުންވާ މިންގަނޑުތައް އެނގިގެން ދާނެ ކަމަށެވެ. އެގޮތުން އެ ސާވޭ އިން ލިބޭ މައުލޫމަތުތައް އދ ގެ ޖަމިއްޔާތަކުންނާއި ސިއްހަތާ ގުޅުން ހުރި އެހެނިހެން އިދާރާތަކާއި އަމިއްލަ ޖަމިއްޔާ ތަކުން ބޭނުން ކުރެވޭނެ ކަމަށް ވެސް ހެލްތު މިނިސްޓްރީ އިން ބުނެ އެވެ.

ހަމައެއާއެކު ސާވޭއިން ލިބޭ މައުލޫމާތުތަކުގެ އެހީގައި ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެ އޮތް ހާލަތު ވަޒަން ކުރެވޭނެ ކަމަށާއި ސާސްކަފުގެ ތަރައްގީގެ ލަނޑުދަނޑިތައް ރާއްޖެއިން ހާސިލް ވެފައިވާ މިންވަރު އަންގައިދޭނެ ކަމަށްވެސް ހެލްތު މިނިސްޓްރީ އިން ބުނެއެވެ.

"މޯލްޑިވްސް ޑިމޮގްރަފިކް އެންޑް ހެލްތު ސަވޭ" އަަންނަ މަސްތެރޭގައި ރާއްޖޭގެ އެހެނިހެން ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީ އިން ބުނެ އެވެ.