މޮސްކޯ (މާޗް 17): ރަޝިޔާގެ ބާރުތައް ސޫރިޔާއިން ބޭލިނަމަވެސް ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ބަލިކަށިވެގެން ނުދާނެ ކަމަށް ރަޝިޔާއިން ބުނެފި އެވެ.

ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރްޖަމާން މާރިޔާ ޒަޚަރޫފާ ވިދާޅުވީ ރަޝިޔާގެ ބާރުތައް ސޫރިޔާއިން ބޭލުމާއެކު ރައީސް ބައްޝާރުގެ ސަރުކާރު ވެއްޓިގެންދާނެ ކަމަށް ދެކޭ ފަރާތްތައް ތިބީ ހުވަފެނެއްގައި ކަމުގަ އެވެ. ސޫރިޔާގައި ހަނގުރާމަކުރާ ރަޝިޔާގެ ބާރުތައް އަނބުރައި ގައުމަށް ގެނައުމަށް ނިންމެވިކަން ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕޫޓިން އިޢްލާން ކުރައްވާފައި ވަނީ މިދިޔަ ހޯމަދުވަހު އެވެ. މިމައްސަލާގައި ރަޝިޔާގެ ލީޑަރުންނާ މަޝްވަރާ ކުރެއްވުމަށްޓަކައި އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ އަންނަ ހަފްތާގައި މޮސްކޯއަށް ޒިޔާރަތް ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކުންވަނީ ރަޝިޔާގެ ބާރުތައް ސޫރިޔާއިން ބޭލުމަށް ރައީސް ޕޫޓިން ނިންމެވުމުން އެކަމަށް މަރްޙަބާ ކިޔާފައެވެ. ރަޝިޔާގެ ބާރުތައް ސޫރިޔާއިން ބޭލުމަކީ ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ބަލިކަށިވެގެންދާނެ ކަމެއްކަމަށް ސޫރިޔާގެ އިދިކޮޅު ޖަމާއަތްތަކާއި އެޖަމާއަތްތަކުގެ ފަހަތުގައިވާ ސައޫދީ އަރަބިޔާއާއި ތުރުކީ އަދި އެމެރިކާ ދެކެއެވެ.

ސައޫދީ ޚާރިޖީ ވަޒީރު އާދިލްއަލްޖުބައިރު ވަނީ ރަޝިޔާގެ ބާރުތައް ސޫރިޔާއިން ބޭލުމަކީ ސުލްހައިގެ ވާހަކަތަކުގައި ދޫދިނުމަށް ބައްޝާރަށް މަޖްބޫރުވާނެ ކަމެއްކަމަށް ވިދާޅުވެ ރަޝިޔާގެ ނިންމުމަށް މަރްޙަބާ ވިދާޅުވެފައެވެ. އަދި އެމެރިކާގެ ވައިޓް ހައުސްއިންވެސް ވަނީ ރަޝިޔާގެ މިފިޔަވަޅަކީ ސޫރިޔާގެ ސުލްޙައިގެ ކަންތައްތައް ކުރިޔަށްދިޔުމުގެ ބާރަކަށްވާނެ ކަމެއްކަމަށާއި އެއީ ރަނގަނޅު ފިޔަވަޅެއްކަމަށް ސިފަކޮށްފައެވެ. (ރޮއިޓާސް)