މާރާމާރީ އާއި ވައްކަމާއި ފޭރުން އިންތިހާ އަށް އިތުރުވެ، މުޖުތައުމު ނާމާންވެއްޓަކަށް ބަދަލުވެފައި ވަނީ އިސްލާމީ ޝަރީއަތް ގާއިމު ނުކުރެވޭތީ ކަމަށް ބުނެ، އެކަމުގެ "ހައްލަކީ އިސްލާމީ ޝަރީއަތް ތަންފީޒު ކުރުން" ކަމަށް ގޮވާލައި މުޅި ރާއްޖޭގައި މުޒާހަރާއެއް ބޭއްވުމަށް އަދާލަތު ޕާޓީން ނިންމައިފި އެވެ.

"ހައްލަކީ އިސްލާމީ ޝަރީއަތް ތަންފީޒު ކުރުން" މި ޝިޔާރުގެ ދަށުން އަންނަ ހުކުރު ދުވަހުގެ ހަވީރު 4:00ގައި މުޅި ރާއްޖޭގައި ސުލްހަވެރި އެއްވުމެއް ބާއްވަން އަދާލަތު ޕާޓީން ނިންމީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭ އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމަކަށް ފަހު ކަމަށް އެ ޕާޓީން ބުންޏެވެ.

މާލޭގައި ބާއްވާ އެއްވުން އޮންނާނީ ސުނާމީ ބިނާ ސަރަހައްދުގައި ކަމަށް އަދާލަތު ޕާޓީން ބުންޏެވެ.

އަދާލަތު ޕާޓީގެ އިސް ތަރުޖަމާނު އަދި އިސްލާމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު ޝެއިހް މުހައްމަދު ޝަހީމް އަލީ ސައިދު މިއަދު ވިދާޅުވީ އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމަށް ގޮވާލައި އެއްވުމެއް މުޅި ރާއްޖޭގައި ބޭއްވުމަށް ނިންމެވީ ރާއްޖޭގެ ކަންތައްތައްދާ ގޮތުން ރައްޔިތުން ވަރަށް ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި ތިބުމުން ކަމަށެވެ. ހުކުރު ދުވަހު ބާއްވާ އެއްވުމުގައި ކުށްކުރުން ހުއްޓުވުމަށް ގޮވާލައި އެ ޕާޓީން އަޑު އުފުލާނެ ކަމަށާއި ސަރުކާރުގެ ވަކި އިދާރާއަކަށް ނިސްބަތްކޮށް ޒިންމާދާރުކަން ކުޑަގޮތެއްގައި އަމަލް ނުކުރާނެ ކަމަށް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމަކީ ހަމައެކަނި މީހުންގެ އަތްފައި ކެނޑުން ނޫން ކަމަށާއި ދަރިން ތަރުބިއްޔަތު ކުރުމާއި މަދުރަސީ މާހައުލާއި އިސްލާމީ އަހުލާގިއްޔާތުގެ މައްޗަށް އިސްލާމީ ޝަރީއަތް ގުޅިފައިވާ ކަމަށެވެ. އަދި އެފަދަ މާހައުލެއް ރާއްޖޭގައި ގާއިމް ކުރުމަށް އަޑު އުފުލާނެ ކަމަށާއި އެ އެއްވުމަކީ މުޒާހަރާއަކަށް ވުރެ، ބޮޑަށް ގިނަ ބައެއްގެ ޝުއޫރުފާޅުކުރާ އެއްވުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"އިސްލާމީ ޝަރިއްޔާ ގާއިމް ކުރުމޭ ބުނީމާ އެއީ މީހުންގެ އަތްފައި ކެނޑުން ނޫން. މައިބަފައިން ދަރިން ތަރުބިއްޔަތު ކުރުމާއި ޓީޗަރުން ދަރިވަރުންނަށް ހެޔޮބަސް ބުނެ ތަރުބިއްޔަތު ކުރުމާއި އިސްލާމް ދީނުގައި ހުރި ހުރިހާ އަހުލާގިއްޔާތެއް މުޖުތަމައުގައި ގާއިމް ކުރުމަށް އަޑު އުފުލުމެއް އެއީ،" ޝަހީމް ވިދާޅުވި އެވެ.

އަދާލަތުން ބުނީ އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމަށް ގޮވާލާ އެއްވުމުގައި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.