17 Mar 2016, 09:59
(14 މާރޗްގެ އަދަދާ ގުޅޭ)
أبو سلمةވިދާޅުވިއެވެ. އެހެންވީއިރު އަޑުއައްސަވާށެވެ. "ކަމަނާގެ ޙަޔާތްޕުޅުގައި އަޅުގަނޑު މަރުވެއްޖެނަމަ، ކޮންމެހެންވެސް މީހަކާ ކާވެނިބައްލަވާށެވެ!" އެހެންވިދާޅުވެފައި އެކަލޭގެފާނު ދުޢާފުޅު ކުރެއްވިއެވެ. "ދީލަތިވަންތަ ރަސްކަލޮކޯއެވެ! ދުނިޔެއާއި އާޚިރަތުގެ ވެރި ރަސްކަލާކޯއެވެ! މިއަޅާގެ ދިރިހުރުމާއި މަރުވުންވަނީ އިބަރަސްކަލާނގެ ޔަދުޤުދްރަތްޕުޅުގައެވެ.أمّ سلمةގެ ޙަޔާތްޕުޅުގައި މިއަޅާ މަރުވެއްޖެނަމަ މިއަޅާއަށްވުރެ ހެޔޮރަނގަޅު ބަދަލެއް،أمّ سلمةއަށް ދެއްވާނދޭވެ!"
އަރަހުށި ދީލަތިވަންތަ މާތްاللّـه أبو سلمة رضى اللّـه عنهގެ ދުޢާފުޅު އިޖާބަކުރެއްވިއެވެ. އެކަލޭގެފާނަށްފަހު އެކަލޭގެފާނަށްވުރެ ހެޔޮބަދަލެއްގެ ގޮތުން،سيّد المرسلينصلّى اللّـه عليه وسلّم، أمّ سلمةގެ ފިރިކަލަކުކަމުގައި ލެއްވިއެވެ.
ކައުސާހިބާصلّى اللّـه عليه وسلّم، أبو سلمة رضى اللّـه عنهގެ ޙާލުކޮޅު ބައްލަވަން ވަރަށްގިނަގިނައިން ޒިޔާރަތްކުރައްވަމުން ގެންދެވިއެވެ. ހިޖްރައިން ހަތަރުވަނަ އަހަރުގެ ޖުމާދަލްއާޚިރާމަހުގެ ކުރީކޮޅުގެ ދުވަހެއްގައި އެކަލޭގެފާނުގެ ޙާލުކޮޅު މާބޮޑަށް ދަށަށްދިއުމުން ކައުސާހިބާصلّى اللّـه عليه وسلّمގެ އަރިހުގައި އެޚަބަރު ދެންނެވުނެވެ. ކައުސާހިބާصلّى اللّـه عليه وسلّمހަމައެވަގުތު އެގެކޮޅަށް ފައިންޕުޅު ބީއްސެވިއެވެ. އިތުރު ސާހިބާ އެގެކޮޅަށް ފައިންޕުޅު ބީއްސެވިއިރު އެކަލޭގެފާނުގެ އެކުވެރިޔާ އަދި ލޮބުވެތި ކޮއްކޯފުޅު އޮންނެވީ ނޭވާފުޅު ހޮޅިޔަށް އެޅުމުގެ ޙާލުކޮޅެއްގައެވެ. އިތުރު ސާހިބާ އެގެކޮޅަށް ވެދެވަޑައިގަތުމާއެކުأبو سلمةއިތުރު ސާހިބާގެ މޫނުފުޅަށް ބައްލަވައިލެއްވިއެވެ. ހަމައެއާއެކު އެކަލޭގެފާނުގެ ޠާހިރު ފުރާނަފުޅު މަތިވެރިވެގެންވާ ޢާލަމްލުއަރްވާޙަށް އުދުހިގެން ހިނގައްޖެއެވެ. ހީވީ އެކަލޭގެފާނު އިންތިޒާރު ކުރައްވަމުން ގެންދެވީ އެކަލޭގެފާނު ނުހަނު ލޯބިފުޅުވާ އަޚާ އަދި ސާހިބާގެ މޫނުފުޅު ދެކެވަޑައިގަތުމަށްހެންނެވެ. ކައުސާހިބާصلّى اللّـه عليه وسلّمއެކަލޭގެފާނުގެ ބަރަކާތްތެރި އަތްޕުޅުންأبو سلمة رضى اللّـه عنهގެ ދެލޯފުޅު މަރުއްވައިލެއްވިއެވެ. އެއަށްފަހު ޙަދީޘުކުރެއްވިއެވެ. "އިންސާނާގެ ފުރާނަ ހަށިގަނޑާ ވަކިވެގެންދާއިރު އޭނާގެ ދެލޯ އެފުރާނަ ދުށުމަށްޓަކައި ހުޅުވިފައި ހުރެއެވެ." އެއަށްފަހު އެގޭގެ އަހްލުވެރީންނަށް ބާރަށް ހަޅޭފުޅުލައްވަވައި ކީރިތިކުރެއްވުން މަނާކުރެއްވިއެވެ. ކައުސާހިބާصلّى اللّـه عليه وسلّمއަނެއްކާވެސް ވަޑައިގެން ހުއްޓިވަޑައިގަތީأبو سلمة رضى اللّـه عنهގެ ހަށިކޮޅުގެ ކައިރިއަށެވެ. ކައުސާހިބާ ދެއަތްޕުޅު އުފުއްލަވައިލައްވައި ދުޢާކުރެއްވިއެވެ.
"އަޅުގެ އިލާހުވަންތަ ރަސްކަލާކޯއެވެ! މީނާގެ ކަށްވަޅު ތަނަވަސްކުރައްވާނދޭވެ! އެކަށްވަޅު އަލިކުރައްވައި ނޫރުން ފުރުއްވާނދޭވެ! އިނބަރަސްކަލާނގެ މިއަޅާއަށް މަޣުފިރަތުދެއްވާނދޭވެ! ތެދުމަގު ލިބިގެންވާ މީހުންގެ ތެރެއިން މީނާގެ މަޤާމު މަތިވެރިކުރައްވާނދޭވެ!"
އޭރުالسّيّدة أمّ سلمة رضى اللّـه عنهاއިންނެވީ ހިތާމަފުޅާއި މޮޅިފުޅުން ޙާލުކޮޅެއް ނެތިފައެވެ. އެކަމަނާ އިރުއިރުކޮޅާ ވިދާޅުވެއެވެ. "ހިތާމަހުއްޓެވެ. ބީރައްޓެހި ޙާލުގައި މިކުރިމަތިވީ ކިހައި ހިތާމަހުރި މަރެއްހެއްޔެވެ؟" ކައުސާހިބާ އެކަމަނާއަށް ކެތްތެރިވެވަޑައިގަތުމަށް ނަސޭހަތް ދެއްވިއެވެ. އިތުރު ސާހިބާ ވިދާޅުވިއެވެ. ކަމަނާأبو سلمةއަށް މަޣްފިރަތު އެދިވަޑައިގަންނަވާށެވެ. އަދިأبو سلمةއަށްވުރެ ހެޔޮބަދަލެއް އެދިވަޑައިގެން ދުޢާކުރައްވާށެވެ!"
مسند إبن حنبلގައިأمّ سلمةގެ އަރިހުން ރިވާވެފައިވެއެވެ. އެއްދުވަހަކުأبو سلمة رضى اللّـه عنهކައުސާހިބާގެ އަރިހުން އެނބުރި ގެއަށް ވަޑައިގެންނެވިއިރު ހުންނެވީ ވަރަށް އުފާފުޅުންނެވެ. އެކަލޭގެފާނު އަހަރެންގެ ގާތުގައި ވިދާޅުވިއެވެ. "މިއަދުرسول اللّـه صلّى اللّـه عليه وسلّمދެއްވި އިރުޝާދަކުން އަޅުގަނޑު މިހިރީ ވަރަށް އުފަލުންނެވެ. އިތުރު ސާހިބާ ޙަދީޘް ކުރެއްވިއެވެ. މުސްލިމަކަށް މުޞީބަތެއް ކުރިމަތިވާހިނދު ތެދުހިތުން މާތްاللّـهގެ ޙަޟްރަތަށް ކުއްތަންވެ، އެމުޞީބަތެއްގައި އެމީހަކަށް އެހީވެވޮޑިގެންދެއްވުމަށާއި އެކަމެއްގެ އެއަށްވުރެ ހެޔޮބަދަލެއް ދެއްވުންއެދި ދުޢާކޮށްފިނަމަ، މާތްاللّـهއެމީހެއްގެ ދުޢާ އިޖާބަކުރައްވާނެއެވެ."
أبو سلمةގެ ވާހަކަފުޅުއޮތީ އަހަރެންގެ ހިތުގައި ބިންވަޅު ނެގިފައެވެ. އެކަލޭގެފާނު އަވަހާރަވުމުން އަހަރެން ވަރަށްބޮޑަށް ހިތުގައިޖެހި މޮޅިވިއެވެ. އެވަގުތު އަހަރެން އެގޮތަށް ދުޢާކުރީމެވެ. ނަމަވެސް ކުއްލިޔަކަށް އަހަރެންގެ ހިތަށްއެރިއެވެ.أبو سلمةއަށްވުރެ ހެޔޮބަދަލަކަށްވާނީ ކާކުބާވައެވެ.
مسند أحمدއާއިزرقانىގައިވާގޮތުންأبو سلمة رضى اللّـه عنهއަވަހާރަވުމުން ކައުސާހިބާصلّى اللّـه عليه وسلّمގެ އަރިހުގައި އެޚަބަރު ދެންނެވުމަށްޓަކައި ކައުސާހިބާގެ އަރިހަށް ވަޑައިގެންނެވީ ޚުދުأمّ سلمة رضى اللّـه عنهاއެވެ.ކައުސާހިބާصلّى اللّـه عليه وسلّمއެގެއަށް ފައިންޕުޅު ބީއްސެވިއިރު އެގޭގެ ތެރެއިން އެއްއަޑަކަށް އިވެނީ މީހުން ރޯއަޑެވެ.السّيّدة أمّ سلمة رضى اللّـه عنهاއިރުކޮޅަކާ ވިދާޅުވިއެވެ. "ހިތާމަ ހުއްޓެވެ. ބީރައްޓެހި ޙާލުގައި މިކުރިމަތިވީ ކިހައި ހިތާމަހުރި މަރެއްހެއްޔެވެ؟"
ކައުސާހިބާصلّى اللّـه عليه وسلّمއަށް އެމަންޒަރު ފެނިވަޑައިގަތުމުންالسّيّدة أمّ سلمةއަށް ކެތްތެރިވެވަޑައިގަތުމަށް ނަސޭހަތް ދެއްވިއެވެ. އިތުރު ސާހިބާ ޙަދީޘުކުރެއްވިއެވެ. "ކެތްތެރިވެވަޑައިގަންނަވާށެވެ. ކަމަނާގެ ފިރިކަލުންނަށް މަޣްފިރަތު އެދިވަޑައިގެން ދުޢާކުރައްވާށެވެ. ވިދާޅުވާށެވެ. "ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ!أبو سلمةއަށްވުރެ ހެޔޮބަދަލެއް މިއަޅާއަށް ދެއްވާނދޭވެ!" އިތުރު ސާހިބާގެ އިރްޝާދުގެ ދަށުންالسّيّدة أمّ سلمةއެގޮތަށް ދުޢާފުޅު ކުރެއްވިއެވެ.
ޞަޙީޙު މުސްލިމުގެباب البكاء على الميّتގައިވެއެވެ.السّيّدة أمّ سلمة بنت أبى أميّة رضى اللّـه عنهاއެކަމަނާގެ ފިރިކަލުން އަވަހާރަވުމުން ބާރަށް ކީރިތިކުރައްވާން ފެއްޓެވުމުން، ނަބީކަން ޚަތިމުކުރެއްވި ސާހިބާصلّى اللّـه عليه وسلّمޙަދީޘުކުރެއްވިއެވެ. "އޭأمّ سلمةއެވެ! އަރަހުށި މާތްاللّـهމިގެއިން ނެރުއްވައިފައިވާ ޝައިޠާނާ މިގެއަށް ވައްދަވަން ކަމަނާ ބޭނުންފުޅުވަނީތޯއެވެ؟"
السّيّدة أمّ سلمة رضى اللّـه عنهاވިދާޅުވެފައިވެއެވެ. އިތުރުސާހިބާصلّى اللّـه عليه وسلّمއެފަދައިން ޙަދީޘުކުރެއްވިފަހަކުން ތިމަންކަމަނާ އެއްގޮތަކަށްވެސް ކީރިތިއެއް ނުކުރައްވަމެވެ.
ކައުސާހިބާصلّى اللّـه عليه وسلّمޚާއްޞަ އިޙްތިރާމަކާއެކުأبو سلمةގެ ކަށުކަމާކެމީގެ ކަންތައް އިންތިޒާމު ކުރެއްވިއެވެ. އިމާމުވެވަޑައިގެން ކަށުނަމާދު ކޮށްދެއްވީ އިތުރު ސާހިބާصلّى اللّـه عليه وسلّمއެވެ. ކައުސާހިބާصلّى اللّـه عليه وسلّم، أبو سلمةގެ ކަށުނަމާދުގައި ނުވަ ތަކުބީރު ވިދާޅުވިއެވެ. ކަށުނަމާދުން އަވަދިވެވަޑައިގެން ޞަޙާބީންގެ ބައެއް ބޭކަލުން ސުވާލު ކުރެއްވިއެވެ. "އޭ މާތްاللّـهގެ ރަސޫލާއެވެ. ކަލޭގެފާނަށް ކުށެއް ކުރެއްވުނީކީ ނޫންތޯއެވެ." އިތުރު ސާހިބާصلّى اللّـه عليه وسلّمޙަދީޘު ކުރެއްވިއެވެ. "ނޫނެކެވެ.أبو سلمةއަށް ނުވަހާސް ތަކުބީރުވެސް ޙައްޤުވެގެންވެއެވެ." އަރަހުށި މާތްاللّـهއެމާތް ޞަޙާބީއަށް ރުއްސުންލައްވާށިއެވެ.
أبو سلمة رضى اللّـه عنهއަވަހާރަވީއިރުالسّيّدة أمّ سلمة رضى اللّـه عنهاއިންނެވީ އާލާސްވެއެވެ. އޭރުވެސް އެކަމަނާގެ ތިންބޭފުޅުން ތިއްބެވިއެވެ. އެހެންކަމުންأبو سلمة رضى اللّـه عنهވަނީ އެކަލޭގެފާނުގެ ފަހަތަށް ހަތަރު ބޭފުޅުން ދޫކުރައްވައިފައެވެ. އެބޭފުޅުންނަކީ،زينبއާއިسلمةއާއިعمرއާއިدِرّةއެވެ. ބައެއް ޢިލްމުވެރީން ވިދާޅުވާގޮތުގައިزينبއާއިسلمةރައްކައުވީ ޙަބަޝާގައެވެ. އަނެއްބައި ޢިލްމުވެރީން ވިދާޅުވާގޮތުގައިزينبއާއި،عمرއާއިدِرّةއާ ތިންބޭފުޅުން ރައްކައުވީ މަދީނާގައެވެ. އެކަމަނާގެ އެންމެ ހަގުބޭފުޅަކީزينبއެވެ.واللّـه أعلم.
أمّ سلمة– أمّ المؤمنين
السّيّدة أمّ سلمة رضى اللّـه عنهاގެ ޢިއްދަހަމަވުމުން އެކަމަނާއަކީ ޝަހީދެއްގެ ހުވަފަތް އަނބިކަނބަލަކަށްވާތީ އެކަމަނާއަށް ތަސައްލީދެއްވައި އެކަމަނާއަށް އެހީތެރިވެވަޑައިގެންދެއްވުމުގެގޮތުންأبوبكر الصّدّيق رضى اللّـه عنه، السّيّدة أمّ سلمةގެ ކާވެނިފުޅަށް އެދިވަޑައިގެން ހުށަހެޅުއްވިއެވެ. ނަމަވެސް އެކަމަނާ އެކަން ޤަބޫލުފުޅެއް ނުކުރެއްވިއެވެ. ދެވަނަޔަށްعمر الفاروق رضى اللّـه عنهއެކަމަނާއަށް ކާވެނިފުޅުގެ ދަޢުވަތު ދެއްވިއެވެ.السّيّدة أمّ سلمة رضى اللّـه عنهاއެ ދަޢުވަތުވެސް ރައްދުކުރެއްވީއެވެ.
السّيّدة أمّ سلمة بنت أبى أميّةހަތަރު ބޭފުޅުން ގޮވައިގެން އުޅުއްވަމުންގެންދެވީ ނުހަނު ދަތިޙާލުކޮޅެއްގައެވެ. އެކަމަނާއާއި އެކަމަނާގެ ތުއްޕުޅު ހަތަރު ބޭފުޅުންގެ އިސްތަށިފުޅުގައި ފިރުންމަވައިދެއްވާނެ އެހީތެރިންނެއް ނެތެވެ. މަޚްޒޫމުވަންހައިގެ މީހުން ތިބީ މައްކާގައެވެ. މުސްލިމުންނާ އިދިކޮޅު ކޭމްޕުގައެވެ.السّيّدة أمّ سلمة رضى اللّـه عنهاއެޙާލުކޮޅުގައި އިންނަވަނިކޮށް އެއްދުވަހަކު އެކަމަނާއަށް ލިބިވަޑައިގެންނެވި އުފާވެރި ދަޢުވަތަކީ، ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާ އެކަމަނާގެ ކާވެނިފުޅަށް އެދިވަޑައިގެން ދެއްވި ދަޢުވަތެވެ. އެ ދަޢުވަތާއިގެން ވަޑައިގަތީ ގިނަ ރިވާޔަތްތަކުގައިވާގޮތުން،عمر الفاروق رضى اللّـه عنهއެވެ. އަނެއްބައި ރިވާޔަތްތަކުގައިވާގޮތުންحاطب بن أبى بلتعةرضى اللّـه عنهއެވެ.السّيّدة أمّ سلمة رضى اللّـه عنهاވިދާޅުވެފައިވެއެވެ.
"ޢާލަމްތަކުގެ ސާހިބާصلّى اللّـه عليه وسلّمއަހަރެންނަށް ކާވެނީގެ ދަޢުވަތު ދެއްވުމުން އަހަރެން ވަގުތުން އެ ދަޢުވަތު ޤަބޫލުކޮށްފީމެވެ. އެކަމަކު ހަތަރު ޢުޒުރެއްވެސް ހުށަހެޅީމެވެ. އެ ހަތަރު ޢުޒުރަކީ:
އަޅުގަނޑަކީ ވަރަށް ޣީރަތްތެރި ރުޅިގަދަ އަންހެނަކީމެވެ. އަޅުގަނޑުގެ ފަރާތުން ބޭއަދަބީކަމެއް ހިނގައި އަޅުގަނޑުގެ ހުރިހާ ހެޔޮކަމެއް ގެއްލިގެން ހިނގައިދާނެތީ އަޅުގަނޑު ބިރުގަނެއެވެ.
އަޅުގަނޑަކީ އުމުރުން ދުވަސްވެފައިއިން އަންހެނަކީމެވެ.
- އަޅުގަނޑަކީ ކުދީންގިނަ ޅަދަރިމަޔަކީމެވެ.
- އަޅުގަނޑުގެ ކާވެނިކޮށްދޭން ވަލީވެރިޔަކު މިރަށަކު ނެތެވެ.
(ނުނިމޭ)