17 Mar 2016, 10:02
ހުޅުމާލޭ ހޮސްޕިޓަލް އާސަންދަ ޕްރައިވެޓް ލިމިޓެޑްގެ ހަވާލުވުމަށް ކޮމެޓީއެއް އެކުލަވާލައި އެ މަސައްކަތްތައް ފަށައިފި އެވެ.
ހުޅުމާލެ ހޮސްޕިޓަލު ހިންގުމާ ހަވާލުވެ ހުންނެވި އަހުމަދު ޝާކިރު ސަން އަށް ވިދާޅުވީ، އާސަންދައިން އެ ހޮސްޕިޓަލް ހިންގުމަށް ހަވާލުކުރުމަށް ނިންމާފައިވާ އިރު މުވައްޒިފުންނާއި ހޮސްޕިޓަލުގެ އެސެޓް ފަދަ ކަންކަން ނިންމުމަށް ކޮމެޓީއެއް އެކުލަވާލައި އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެ ހަފްތާއެއްހާ ދުވަސް ކުރިން އެކުލަވާލާފައިވާ އެކޮމެޓީގައި ހެލްތު މިނިސްޓްރީގެ ބޭފުޅުންނާއި އައިޖީއެމްއެޗް އާއި އާސަންދާގެ ފަރާތްތައް ހިމެނެ އެވެ.
އެކޮމެޓީއިން ބަލާ ކަންތައްތަކުގެ ތެރޭގައި އެހޮސްޕިޓަލުން ހަދާފައިވާ ކޮންޓެކްޓްތަކާއި ތަނުގެ ތަކެތި އަގުކުރުމާއި މުވައްޒިފުންގެ ކަންކަން ހިމެނޭ ކަމަށް ޝާކިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަންކަން ނިމިގެން އާސަންދަ އިން އެ ހޮސްޕިޓަލް ހިންގަން ހަވާލުވާނެ ވަކި މުއްދަތެއް ބުނަން އަދި ނޭނގޭ ކަމަށެވެ.
އާސަންދައިގެ އޮފިޝަލަކު ވިދާޅުވީ، ހޮސްޕިޓަލެއް ހިންގުމަކީ އެކުންފުނިން އެދެމުން އައި ކަމެއް ކަމަށާއި އެގޮތުން ހުޅުމާލޭ ހޮސްޕިޓަލް އާސަންދައިގެ ދަށަށް ގެނައުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
އާސަންދައިން މައުލޫމާތު ދޭގޮތުގައި އެކުންފުނިން އެހޮސްޕިޓަލް ހިންގަންފެށުމާ އެކު ރާއްޖެ އިން މިހާރު ކުރެވެން ނެތް ތަފާތު އެކި އޮޕަރޭޝަންތައް ކުރެވިގެންދާނެ ކަމަށެވެ.