17 Mar 2016, 09:19
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލު ކީޕަރު ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ އިމްރާން މުހައްމަދު (އިމްމަ) ގައުމީ ޓީމުން ރިޓަޔާ ކުރަން ވިސްނަމުންދާ ކަމަށް ބުނެފި އެވެ.
ސަންޓީވީގެ ކުޅިވަރު ޕްރޮގްރާމްގައި ވާހަކަ ދައްކަމުން އިމްމަ ބުނީ އޭނާ ބަލަހައްޓަމުން ދާ ގޯލު ކޮންމެ ކޮންމެ މީހެއް އަތަށް ދޫކޮށްލަން ބޭނުންނުވާ ކަމަށާއި ތަޖްރިބާކާރު ކީޕަރެއް އަންނަ ހިސާބުން ފަހަތަށް ޖެހޭނެ ކަމަށެވެ.
"ރާއްޖޭގައި އެބަތިބި މޮޅެތި ޒުވާން ކީޕަރުން. އެކީޕަރުންނަށް ރަނގަޅު ތަޖަރިބާއެއް ބޭނުންވޭ. ގިނަ މެޗުތަކެއް ކުޅެ މެޗުއާ ވެގެން އައީމަ ގައުމީ ޓީމަށް ވެސް ފައިދާވެގެން ދާނެ،" އިމްމް ބުންޏެވެ.
އެންމެ ފަހުން ގައުމީ ޓީމް ބައިވެރިވެފައިވާ ދެ މުބާރާތަށް ވެސް ނިގޮސްހުރި އިއްމަ ބުނީ ޒުވާން ކީޕަރުން ނަށް ތަޖްރިބާ ހޯދައިދިނުމުގެ ގޮތުން ގައުމީ ޓީމް ބައިވެރިވާ މުބާރާތްތަކުގެ ތެރެއިން އޭޖް ގުރޫޕް ކަނޑައަޅައިގެން ކުރިއަށް ގެންދާ އެއްވެސް މުބާރާތެއްގައި އޭނާ ބައިވެރި ނުވާން ނިންމާފައިވާނެ ކަމަށެވެ.
"ޒުވާން ޓީމްގައި ސީނިއާ ޓީމުން ތިން ކުޅުންތެރިން ހެމެނުމުގެ ފުރުސަތު އޮތް ނަމަވެސް ވޭތުވެ ދިޔަ ތިން ވަރަކަށް އަހަރު ސާފްގޭމްސްގައި ވެސް ނުކުޅެން. ރިކުއެސްޓް ކުރީމަވެސް އަޅުގަނޑު އެދެނީ ޒުވާން ކީޕަރުން ގޮވައިގެން ދާން،" އިމްރާން ބުންޏެވެ.

ސަން ޓީވީގެ ކުޅުވަރު ޕޮރުގްރާމްގައި އިމްރާން ވާހަކަ ދައްކަނީ --- ސަން ފޮޓޯ: މުއާވިއަތު އަންވަރު
ވޭތުވެދިޔަ 15 ވަރަކަށް އަހަރު ގައުމީ ޓީމްގެ ގޯލު ބަލަހައްޓާފައިވާ އިމްރާން ބުނީ ތަޖްރިބާއެއް ނެތި ގައުމީ ޓީމްގެ ގޯލަށް އެރުމުންވާ އުނދަގުލާ ދިމާވާ ދަތިކަން ވަނީ ވަރަށް ގާތުން ތަޖްރިބާ ކުރެވިފައި ކަމަށާއި އޭނާގެ އުންމީދަކީ ގައުމީ ޓީމަށް އަންނަ ކީޕަރަކީ ތަޖްރިބާ ލިބިގެން އަންނަ ކީޕަރަކަށް ވުން ކަމަށެވެ.
ރާއްޖޭގެ އެންމެ ބޮޑެތި ކުލަބުތަކުގެ ގޯލު ބަލަހައްޓައި މިވަގުތު މާޒިޔާގެ ގޯލު ބަލަހައްޓަމުންދާ އިމްރާން ބުނީ މީގެ ކުރިން ވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ވިސްނިކަމަށާއި ނަމަވެސް ބޮޑު އަނިޔާއެއް ލިބި ކުޅުމާއި ދުރުގަ ހުރެ ކުޅެން ހުއްޓާލަން ބޭނުން ނުވީ ކަމަށެވެ.
"ބޮޑު އެންޖަރީއެއްގައި ހުރެ ކުޅުން ހުއްޓާލާން ބޭނުންނުވީ. މިހާ ދުވަހު ކުޅެފައި ނިމިގެންދާ އިރު ފަހަތުން އަރަން ތިބި ޒުވާން ކުޅުންތެރިންނަށް މީގެން ދަސްވާނެ ފިލާވަޅުތަކެއް ދޫކޮށްފަ ދާން ބޭނުމީ،" އިމްމަ ބުންޏެވެ.
ގައުމީ ޓީމަށް 1999 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ އިމްމަ އަކީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ގައުމީ ޓީމުން ކާމިޔާބު ކުރިއިރުގައި ޓީމްގެ މުހިންމު ކުޅުންތެރިއެކެވެ. އަދި ވޯލްޑް ކަޕް ކޮލިފައިންގައި 2004 ވަނަ އަހަރު ގަދަފަދަ ދެކުނު ކޮރެއާއާ ލަނޑެއް ނުޖެހި ރާއްޖޭން އެއްވަރުކުރިއިރު ގޯލް ބެލެހެއްޓީ ވެސް އިމްމައެވެ.