27 Apr 2011, 16:38
އިމްޕޯޓް އެކްސްޕޯޓް ޑިއުޓީ ހިސާބުކުރުމުގައި ގެންގުޅޭ ޑޮލަރު ރޭޓަށް އަންނަ މަހުން ފެށިގެން 1.25ރ. ބޮޑުކޮށް އެ އަދަދު 14.10 ރ. އަށް ކަސްޓަމްސް އިން މިއަދު ބޮޑުކޮށްފި އެވެ.
މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ޑޮލަރު ވިއްކާ ރަސްމީ ރޭޓަކީ 10.28ރ. އާއި 15.42ރ. އާދެމެދުގެ އަގެއް ކަމުގައި ސަރުކާރުން ކަނޑައެޅުމުން ކަސްޓަމްސްގެ މުއާމަލާތްތަކުގައި ގެންގުޅޭނެ ޑޮލަރު ރޭޓް އިއުލާން ކުރުމަށް ކަސްޓަމްސް އިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނަނީ އަންނަ މަހުން ފެށިގެން އިމްޕޯޓް އެކްސްޕޯޓް ޑިއުޓީ ހިސާބުކުރުމާއި ލިޔެކިޔުންތައް ނިންމުމުގައި ކަސްޓަމްސް އިން ބޭނުންކުރާނެ ޑޮލަރުގެ ރޭޓަކީ 14.10ރ. ކަމަށެވެ.
ކަސްޓަމްސް އިން ޑޮލަރުގެ މުއާމަލާތްތަކުގެ އަގު ބޮޑުކުރި އިރު އިކޮނޮމިކް މިނިސްޓަރު މަހުމޫދު ރާޒީ ކުރިން ވިދާޅުވެފައި ޑޮލަރު ރޭޓް ބަދަލު ކުރި ނަމަވެސް ކަސްޓަމްސް އިން ގެންގުޅޭ ޑޮލަރުގެ ރޭޓް ބޮޑު ކުރުމަށް ވިސްނާފައި ނުވާ ކަމަށެވެ.
އާންމު ކާބޯތަކެއްޗާއި އެހެނިހެން ތަކެތީގެ އަގުތައް ބޮޑު ތަނުން ބާޒާރުގައި މައްޗަށް ގޮސްފައިވާ އިރު ޑިއުޓީ ކަނޑައެޅުމުގައި ގެންގުޅޭ ޑޮލަރުގެ ރޭޓު ބޮޑުކުރުމާ ގުޅޭ ގޮތުން ކަސްޓަމްސް އިން މިއަދު ބުނީ އެ ރޭޓް އެގޮތަށް ކަނޑައެޅީ މަރުކަޒީ ބޭންކް އެމްއެމްއޭ އާއި އަދި ފިނޭންސް މިނިސްޓްރީއާ ވެސް ވާހަކަ ދެއްކުމަށް ފަހު ޑޮލަރުގެ އަގު ހުރި މިންވަރަށް ބަލާފައި ކަމަށެވެ.
ފުލޯޓިން އެކްސްޗޭންޖް ރޭޓްތައް ގެންގުޅޭ ގިނަ ގައުމުތަކުގައި ކަސްޓަމްސް ޑިއުޓީ ކަނޑައަޅަނީ މަރުކަޒީ ބޭންކުން ނެރޭ ރެފަރެންސް ރޭޓަށެވެ. އެގޮތުން ވަކި ބޭންޑެއްގައި ޑޮލަރުގެ އަގު ފްލޯޓް ކުރުމަށް ބާޒާރަށް ދޫކޮށްލުމުން ދިވެހި މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ވެސް ވަނީ ކޮންމެ ދުވަހަކު ވެސް ރެފަރެންސް ރޭޓެއް ނެރެން ފަށައިފަ އެވެ. އެގޮތުން އެމްއެމްއޭގެ މިއަދުގެ ރެފަރެންސް ރޭޓް ހުރީ 15.13ރ. ގަ އެވެ.
ކަސްޓަމްސް އިން ގެންގުޅޭ ޑޮލަރުގެ ރޭޓުގެ ބޮޑުކުރުމުން މިހާރު ބާޒާރުގައި ތަކެތީގެ އަގު މިހާރަށް ވުރެ ވެސް ބޮޑުތަނުން އުފުލޭނެ ކަމަށް ގިނަ ފަރާތްކުން ބުނެ އެވެ.