26 Apr 2010, 14:55
19:00
ސާކުގެ ފުރަތަމަ އަންހެން ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ހަމަޖެއްސެވުމަށް ސަރުކާރުން ނިންމަވައި، ސާކު ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ބޫޓާނަށް ކުރައްވާ ދަތުރުފުޅުގައި ދިޔާނާ ގެންދަވައިފި އެވެ.
އިތުބާރު ހުރި ގޮތަކަށް ސަންއެފްއެމަށް ކަށަވަރުވެފައިވާ ގޮތުގައި ބޫޓާން ވެރިރަށް ތިމްޕޫގައި ބުދަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ސަރަހައްދީ އަށް ގައުމުގެ އެންމެ އިސް ވެރިންގެ ބައްދަލުވުމުގައި، އެ ޖަމިއްޔާގެ ކުރިއަށް އޮތް ދައުރުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ބޭފުޅަކު ހަމަޖެއްސުމުގެ ފުރުސަތު ރާއްޖެ އަށް ލިބުމުން، ދިޔާނާގެ ނަން ހުށަހެޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެހެންކަމުން ސަމިޓުގެ ހަވާސާގައި ގައުމުތަކުގެ ވެރިންނާ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރައްވާއިރު، ދިޔާނާ ތައާރަފު ކުރައްވަމުން ގެންދަވާނެ ކަމަށް ވެސް ސަންއެފްއެމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ސާކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ދިޔާނާ ހަމަޖައްސަވާނީ އަފްގާނިސްތާނާއި ބަންގްލަދޭޝް އާއި ބޫޓާނާއި އިންޑިއާ އާއި ނޭޕާލާއި ޕާކިސްތާނާއި ސްރީލަންކާ އާއި ރާއްޖޭގެ ލީޑަރުންގެ ބައްދަލުވުމަށްފަހު އެވެ.
ސާކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ދިޔާނާ ހަމަޖައްސަވަން ނިންމަވައިވާކަން ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ވެސް މިއަދު ވަނީ ކަށަވަރުކޮށް ދެއްވައިފަ އެވެ. ޒުހޭރު އަދި ވިދާޅުވީ ސާކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަންހެން ބޭފުޅަކު ހަމަޖެއްސެވުމަށް، އެކަމަށް ވަރަށް ގާބިލް ދެތިން ހަތަރު ބޭފުޅަކާ ރައީސް މަޝްވަރާކުރެއްވި ކަމަށެވެ.
ސާކުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަންހެން ބޭފުޅަކު ހަމަޖެއްސެވުމަށް ރައީސް ނަޝީދު މަޝްވަރާ ކުރެއްވި ބޭފުޅުންގެ ތެރޭގައި ރައީސް މައުމޫނު ސަރުކާރުގައި ވަޒީރުކަމާއި އެ ނޫން ވެސް ސަރުކާރުގެ އިސް މަގާމްތައް ފުރުއްވައި، ފަހުން ޑީއާރްޕީގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އަނީސާ އަހުމަދު ހިމެނިވަޑައިގަންނަވަ އެވެ. ނަމަވެސް ސީދާ ރައީސް ނަޝީދު މިދިޔަ އަހަރު އެކަމަނާ އަށް ގުޅުއްވައި، އެ ފުރުސަތު ދެއްވުމުން އަނީސާ ވަނީ އެކަން ގަބޫލްނުކުރައްވައިފަ އެވެ.
އައްޑު އަތޮޅަށް އުފަން ދިޔާނާ ސައީދަކީ ރައީސް ނަޝީދު ސަރުކާރުގެ ފުރަތަމަ ބަންޑާރަ ނައިބެވެ. ނަމަވެސް ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ ބަންޑާރަ ނައިބުގެ އޮފީހުން ގާނޫނީ ލަފާތަކެއް މީޑިއާ އަށް ހާމަކުރަން ފެށިތާ ގިނަ ދުވަހެއްނުވެ ދިޔާނާ ވަނީ އެ މަގާމުން ވަކިކުރައްވައިފަ އެވެ.
ރައީސް ނަޝީދު ސަރުކާރުގެ ފުރަތަމަ ބަންޑާރަ ނައިބުކަމުގެ ގޮނޑި ދިޔާނާ އަށް އޭރު ލިބިވަޑައިގެންފައި ވަނީ، އެމްޑީޕީއާ އިއްތިހާދުވެފައިވާ، އަދި ދިޔާނާގެ ފިރިކަލުން ކަމަށްވާ ޔޮޓް ޓުވާސްގެ ވެރިޔާ އަބްދުﷲ ޖާބިރު އިސް ދައުރެއް އަދާކުރެއްވި، ޖުމްހޫރީ ޕާޓީގެ ފަރާތުންނެވެ. ނަމަވެސް ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެން ޖާބިރާއި ދިޔާނާގެ ދެކަނަބަލުން ދާދި ފަހުން ވަނީ އެމްޑީޕީ އަށް ސޮއިކުރައްވައިފަ އެވެ.