16 Mar 2016, 23:15
އޭއެފްސީ ކަޕްގައި މިއަދު ހޮންކޮންގް ގެ ސައުތު ޗައިނާ އަތުން ހަނި ގޮތަކަށް މޮޅިވި ނަމަވެސް އެ މެޗުގައި މާޒިޔާގެ ފަރާތުން ގިނަ ގޯލުތަކެއް ނުފެނުމުން މާޒިޔާގެ ކޯޗު އަލީ ސުޒޭން ހިތް ހަމަނުޖެހުން ފާޅުކޮށްފިއެވެ.
މިއަދުގެ މެޗަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަމުން ސުޒޭން ބުނީ މިއަދުގެ މެޗުން އެ ޓީމު މޮޅުވި ނަމަވެސް ލަނޑުޖަހަން ލިބުނު ގިނަ ފުރުސަތުތަކެއް ޓީމަށް ގެއްލިގެން ދިޔަ ކަމަށެވެ.
"މިއަދުގެ މެޗުން މާޒިޔާއަށް އެއް ޓާގެޓް ހާސިލް ވެއްޖެ. ނަމަވެސް އަދިވެސް މި އޮތީ މައިނަސް ގޯލުގައި. ވަރަށް ރަނގަޅު ފުރުސަތުތަކެއް ގެއްލިގެން ދިޔައީ،" ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ އަމިއްލަ ފަސްގަނޑުގައި ކުޅެ ގިނަ ފުރުސަތު ތަކެއް ލިބި ބޭކާރުވުމުން މިއަދުގެ މެޗަކީ " އެއްގޮތަކަށް ވެސް ރަނގަޅު މެޗެކޭ ނުބުނެވޭނެ" ކަމަށާއައި މިއަދުގެ މެޗުން ބޭނުންވީ މައިނަސް ގޯލު މަދުކުރަން ކަމަށެވެ.
މިއަދުގެ މެޗު ކާމިޔާބްކޮށް މާޒިޔާއިން 4 ޕޮއިންޓާއި އެކު ގުރޫޕް ޖީގެ ތިން ވަނާގައި އޮތް އިރު ސައުތު ޗައިނާ އޮތީ ޕޮއިންޓެއް ނުލިބި ގުރޫޕުގެ ފުލުގައެވެ. ގްރޫޕްގެ ދެވަނައިގައި މާޒިޔާއަށްވުރެ އެއް މެޗު މަދުންކުޅެ ހަތަރު ޕޮއިންޓާއެކީ ޔަންގޮން ޔުނައިޓެޑް އޮތްއިރު، ގްރޫޕްގެ އެއްވަނައިގައި 6 ޕޮއިންޓާއެކު އޮތީ އިންޑިއާގެ މޯހަން ބަގާންއެވެ.
އެ މުބާރާތުގައި މާޒިޔާއަށް ދެން ވެސް އޮތީ ސައުތު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު ކުޅޭނީ އަންނަ މަހުގެ 13 ވަނަ ދުވަހު ހޮންގްކޮންގައެވެ.