އަންހެން ކަނބަލުންގެ ޝަރަފާއި ކަރާމާތަށް އުނިކަން ލިބޭފަދަ ގޮތް ގޮތަށް ރައްޔިތުން މަޖިލީހުގެ ތެރޭގައި ބައެއް ފަރާތްތަކުގެ އަމަލުތައް ހުންނަ ކަމަށާއި އެކަން ކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މަޖިލީހުގައި އެކި ކަންކަމާ ގުޅިގެން އުފެދޭ ހިޔާލު ތަފާތުވުންތަކުގެ ތެރެއިން މެންބަރުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރަމުންދާ ކަމަށެވެ. އަދި ބުނީ ބޭއަދަބީ ބަހުރުވައިން މުއާމަލާތު ކުރުމާއި އެއްބަޔަކު އަނެއް ބައެއްގެ އަބުރު ނަގާލާ އަދި ބައެއް ހާލަތްތަކުގައި މާރާމާރީއަށް މަގުފަހިވާ ދަރަޖައަށް ދެބަސްވުންތައް ބަދަލުވެގެން ދާކަމީ އެ ކޮމިޝަނުން ހިތާމަކުރާކަމެއް ކަމަށެވެ.

"އަދި އަމުދުން ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުން ތަމްސީލުކުރާ ގާނޫނު ހެދުމުގެ ބާރުގެ ތެރޭގައި އަންހެން ކަނބަލުންގެ ޝަރަފާއި ކަރާމާތައް އުނިކަން ލިބޭގޮތަށް މަޖިލީހުގެ ތަޅުމުގައި ހިނގަމުންދާ ކަންކަމީ މި ކޮމިޝަނަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ." ބަޔާނުގައި ބުނެފައިވެ އެވެ.

އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައި ވަނީ އަންހެނުން ބާރުވެރި ކުރުމަށާއި އަދި ހާއްސަކޮށް ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށް ދިވެހި ރާއްޖޭގެ ގާނޫނުއަސާސީ އާއި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކުގެ އަލީގައި މަސައްކަތް ކުރަމުންދާއިރު، އެފަދަ ނޭދެވޭ އަމަލުތައް އިތުރުވަމުންދިއުމަކީ އެފަދ މަސައްކަތަށް ހިޔަނި އެޅި ހީނަރުކަން ލިބޭ ކަމެއް ކަމަށެވެ.

"އަދި ވަކިން ހާއްސަ ކޮށް ސިޔާސީ މައިދާނަށް އަންހެނުން ނުކުތުމަށް ގޮންޖެހުންތަކެއް ކުރިމަތި ވެދާނެކަމެއް ކަމަށް މި ކޮމިޝަނުން ދެކެމެވެ. ގޭތެރޭގައި މައިބަފައިންނާއި ދަރިން އެއްކޮށް ތިބެގެން ބަލަން ނުކެރޭ ދަރަޖައަށް މަޖިލީހުގެ ބައެއް މެންބަރުންގެ އަމަލުތަށް ހުންނަކަމީ ކޮމިޝަނުން ކަންބޮޑުވާ ކަމެކެވެ." ބަޔާނުގައިވެ އެވެ.

އެޗްއާރްސީއެމުން ބުނީ އަންހެނުން ބާރުވެރި ކުރުމަށް ގައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށާއި މުޖުތަމައުގެ އަހްލާގިއްޔާތަށް ނުރަގަޅު އަސަރުތަކެއް ނުކުރާނެހެން، އަބުރުވެރި، ގަދަރުވެރި އަދި ޝަރަފުވެރި ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަމަލުތަށް ބެހެއްޓެވުމަށް އެ ކޮމިޝަނުން އިލްތިމާސް ކުރާ ކަމަށެވެ.

އެޗްއާރްސީއެމުން މިހެން ބުނެފައި މި ވަނީ ސިޓީ ކައުންސިލްތަކާ ރަށު ކައުންސިލްތަކުގެ ބެލުމުގެ ދަށުގައިވާ އަންހެނުންގެ ކޮމިޓީތަކުގެ ރައީސް އެ ރަށެއްގެ ރަށު ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ހަމަޖެހިގެންދާ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައުމަށް އިދިކޮޅު މެމްބަރު ރޮޒެއިނާ އާދަމް ހުށަހެޅުއްވި ބިލު މަޖިލީހުން ބޭރުކޮށްލާފައި ވަނިކޮށެވެ. ހަމައެއާއެކު މަޖިލީހުގެ ޖަލްސާއެއްގައި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން، އޭނާގެ އަނގަޔަށް ފެން އެޅުމަށް ފަހު، އެ ފެންތައް މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްގެ ގަޔަށް ބުރުއްސާލާފައިވަނިކޮށެވެ.