17 Mar 2016, 09:12
ޖުމްހޫރީ ޕާޓީގެ ރައީސް އަދި މާމިގިލީ ދާއިރާ މެމްބަރު ގާސިމް އިބްރާހިމަކީ މި ޒަމާނުގެ ޑިމޮކްރަސީ ރާއްޖެ އަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އދ. މާމިގިލީގެ ބޯފެނުގެ ނިޒާމު އިފްތިތާހު ކުރުމަށް މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، 2008 ވަނަ އަހަރު އެކަށައަޅައި ބަލައިގަތް ގާނޫނު އަސާސީގެ ހުރިހާ މަސައްކަތެއް ނިމިގެން ދިޔައީ ގާސިމްގެ ބެއްލެވުމުގެ ދަށުން ކަމަށެވެ.
"ރައްޔިތުންގެ ހާއްސަ މަޖިލިސްގެ ރައީސެއްގެ ގޮތުގައި ގާސިމް އިބްރާހިމް ހުންނަވައިގެން. އެހެންވީމަ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ތަފާތު އެކި ގިންތިތަކުގެ އެކި ކަހަލަ މަސައްކަތްތަކުގައި ގާސިމްގެ ހިއްސާ އެކި މިންވަރަށް ހިމެނޭ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ، ގާސިމް އިބްރާހިމަކީ ދިވެހި ރާއްޖެއާއި ދިވެހި ދައުލަތް އަދި ދިވެހި ރައްޔިތުންނަށް ވެސް ވަރަށް ގިނަ ހިދުމަތްތަކެއް ވެސް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.
"އެމަނިކުފާނުގެ ހިދުމަތްތައް މި އޮތީ ހަމައެކަނި މި އަތޮޅަކަށެއް ނޫން. ހަމައެކަނި މި ރަށަކަށެއް ނޫން. އަދި ހަމައެކަނި އިގުތިސާދީ ދާއިރާގައި ކުރައްވާ ބޮޑެތި ބިޔަ މަޝްރޫއުތަކެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ގާސިމް އިބްރާހިމް މިހާރު ވެސް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ކުރިއަށް ވަޑައިގަތުމަށް ވަރަށް އިހުލާސްތެރި ކަމާއެކު ދަންނަވާ ކަމަށެވެ.