ފިކުރުގެ ގޮތުން އިދިކޮޅު ވުމަކީ މައްސަލައެއް ނޫން ކަމަށާއި މުޒާހަރާކޮށް މަގުމައްޗަށް ނުކުތުން މަނާ ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

އދ. މާމިގިލީގެ ބޯ ފެނުގެ ނިޒާމު އިފްތިތާހު ކުރުމަށް އެރަށުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ތަހުޒީބީ މުޖުތަމައުއެއް ބިނާ ކުރަން ކުރާ މަސައްކަތްތަކުގައި ހުރިހާ ސިޔާސީ ލީޑަރުން މިއަދުވެސް ގާނޫނަށާއި އުފެދިފައި ހުރި މުއައްސަސާތަކަށް ޖާގަ ދިނުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

"އެއީ ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް، ކޮންމެ ބަޔަކު އިދިކޮޅުގައި ތިއްބަސް އެއީ ކުރަން ޖެހޭ ކަމެއް... ކަންކަން ހައްލު ކުރަން ވާނީ އެންމެނަށް ގަބޫލު ކުރެވޭ ގޮތަށް. އެހެން ނޫނިއްޔާ މުޖުތަމައުގެ ސަލާމަތެއް މުޖުތަމައުގެ އަމާންކަމެއް ނޯންނާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެމްޑީޕީން މަޝްވަރާގެ މޭޒު ދޮށަށް އައުމަށް މިއަދުވެސް އެދިވަޑައިގަންނަވާ ކަމަށެވެ. އޭރުން ސަރުކާރުގެ އިހުލާސްތެރިކަމާއި ރައްޔިތުންގެ ހައްގުގައި ކަންކަން ހައްލު ކުރުމަށް ސަރުކާރުން ބޭނުންވާ މިންވަރުވެސް އެނގިގެންދާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެކަމަކު ވާހަކަ ދެއްކެވުމަށް ވަޑައިގަންނަވާއިރު އެ ބޭފުޅުން ހައްލު ކުރައްވަން ހުރި ހުރިހާ މައްސަލަތައް އެއީ ވާހަކައިގެ ކުރިން ޝަރުތު ކަމަށް ހެއްދެވީމަ އެއީ ދެން ހަމަޖެހޭ ގޮތެއް ނޫން. އެ ބޭފުޅުންނަށް އަޅުގަނޑު އިސްވެ ނޫނީ އަޅުގަނޑުމެން ސަރުކާރުން އިސްވެ މޭޒު ކައިރިއަށް ވަޑައިގެންނެވުމަށް ދެންނެވީ އަޅުގަނޑުމެން ޝަރުތުތަކެއް ކޮށްފައެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެއްވެސް ޝަރުތެއް ނެތި އެމްޑީޕީގެ މައްސަލަތަކެއް ހުރި ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ދަތި އިހުސާސްތަކެއް ހުރި ކަމަށްވެސް ގަބޫލު ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ މިއަދު ދިވެހިރާއްޖެއަށް ހަމަޖެހުން އައުން. އެހެންވީމަ އެ ހަމަޖެހުން އައުމަށްޓަކައި ހުރިހާ އެންމެންނަށް ގަބޫލު ކުރެވޭ އުސޫލުތަކެއް ވާހަކަ ދެކެވިގެން އެއްބަސް ވެވިގެން ނިންމާފަ ދެން އެހިސާބުން ހިނގާށޭ އެ އުސޫލުތަކާ އެއްގޮތަށް ކުރިއަށް ދެވޭތޯ މަސައްކަތް ކުރަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެކަން ކުރެވޭނީ ސަރުކާރާ އެކު މޭޒު ކައިރިއަށް އައިސް ވާހަކަ ދެކެވިގެން ކަމަށެވެ. އެހެންކަމުން އިހުލާސްތެރި ކަމާއެކު އެ ދައުވަތު އަނެއްކާވެސް އަރުވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.