27 Apr 2011, 16:05
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ކެމްޕޭންގައި އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި ވަޑައިގަތް ރަށް ރަށުގައި ތިބި އެމްޑީޕީގެ 90 ޕަސެންޓް މެމްބަރުން ތިބީ މާޔޫސްކަމުގައި ކަމަށް އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލައްވާފައިވާ ޑރ. އިބުރާހީމް ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ދަރުބާރުގޭ ފަންސަވީހުގައި ބޭއްވި ބައްދަލުވުމުގައި ޑރ. ޑީޑީ ވިދާޅުވީ އަތޮޅުތަކުގެ ރަށްތަކުގައި ތިބި އެމްޑީޕީގެ މެމްބަރުން މާޔޫސްކަމުގައި ތިބީ އެމީހުން ކުރި ފޮނި އުންމީދުތަކުގެ މޭވާ ނުލިބޭތީ ކަމަށެވެ. އެގޮތުން ރަށްރަށުގައި ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ލަސްވުމަކީ ވެސް މެމްބަރުން މާޔޫސްވުމުގެ ސަބަބެއް ކަމަށް ޑީޑީ ވިދާޅުވި އެވެ.
"އަޅުގަނޑު މިކެމްޕޭންގައި ދިޔަ ރަށްރަށުގައި ތިބި އެމްޑީޕީގެ މެމްބަރުންގެ 90 ޕަސެންޓް ތިބީ މާޔޫސްކަމެއްގައި. އެމީހުން ކުރި ފޮނި އުންމީދުތަކުގެ މޭވާ ނުލިބޭތީ. ތަރައްޤީގެ މަޝްރޫއުތައް ލަސްވަމުން ދާތީ،" ޑރ. ޑީޑީ ވިދާޅުވި އެވެ.
ޑރ. ޑީޑީ ވިދާޅުވީ އެމްޑީޕީގެ ރައީސްކަން ޕާޓީގެ މެމްބަރުން އޭނާއާ ހަވާލުކުރައްވައިފި ނަމަ އެ މެމްބަރުންގެ މާޔޫސް ކަމަށް ނިމުމެއް ގެނެސް ދެއްވޭނެ ކަމުގެ ޔަގީންކަން އޭނާ އަށް އެބައޮތެވެ. އަދި އެމްޑީޕީގެ ރައީސް ކަމަށް ހޮވިވަޑައިގަންނަވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރައްވާ ބޭފުޅުންގެ މެދުގައި ރާއްޖެ ޓީވީން ބާއްވަން އުޅުނު ބަހުސްގައި ބައިވެރިވަޑައި ނުގެންނެވުނީ އެބަހުސް އޮންނާނެ ކަމުގެ ޔަގީންކަން ޓީވީގެ އިސްބޭފުޅުންނަށް ނުދެއްވެވުމުން ކަމަށް ޑރ.ޑީޑީ ވިދާޅުވި އެވެ.
"އަޅުގަނޑު ނ. އަތޮޅަށް ފުރުމުގެ ކުރިން ތަކުރާރުކޮށް އެދުނިން ބަހުސް ބޭއްވޭނެ ކަމުގެ ޔަގީންކަން ދިނުމަށް. ނަމަވެސް އެބޭފުޅުންނަކަށް އެޔަގީންކަމެއް ނުދެވުނު." ޑޑ. ޑީޑީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވަކި ޓީވީ ޗެނަލެއް އިޝްތިހާރު ކުރުމަށް ވުރެ މެމްބަރުންނާ ސީދާ ބައްދަލުކުރެއްވުން އޭނާ އަށް މާމުހިއްމެވެ.