16 Mar 2016, 19:13
އަދުލު އިންސާފުގެ ދާއިރާ އަކީ އަބަދުވެސް އިސްލާހު ކުރަން ޖެހޭ ދާއިރާއެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
އދ. މާމިގިލީގެ ބޯފެނުގެ ނިޒާމު އިފްތިތާހު ކުރުމަށް މިއަދު މާމިގިލީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ކޮންމެ ދާއިރާއަކީވެސް ޠަބީއީ ގޮތުން އިސްލާހު ކުރަން ޖެހޭ ދާއިރާއެއް ކަމަށާއި، ފަނޑިޔާރުންގެ ފެންވަރު މަތިކޮށް ފަނޑިޔާރުން އަމަލު ކުރާ އުސޫލު ތަކާއި ގާނޫނު ތަކަށް ބަދަލު ގެނައުމަކީ އަބަދުވެސް ކުރަން ޖެހޭ ކަންތައްތައް ކަމަށެވެ.
"ދުނިޔޭގެ ކޮން މަދަނިއްޔަތެއްގަ ތޯ ހުރިހާ ކަމެއް އެ މަދަނިއްޔަތު ވުޖޫދު ވީ ހިސާބުން ފެށިގެން ހުރިހާ ކަމެއް ފުރިހަމަކޮށް އޮތީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ދުނިޔޭގެ އެންމެ ނަން މަޝްހޫރު ޑިމޮކުރަސީ ތަކުގައުވެސް ގާނޫނަކީ އެއްފަހަރާ ހަދާފަ ހުއްޓާލާ އެއްޗެއް ނޫން ކަމަށެވެ. އަދި ހާލަތު ބަދަލު ވެގެން ދިޔަ ދިޔަހެން އިސްލާހުތައް އަންނާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
"އެހެންވީމަ ޝައްކެއްވެސް ނެތް. އަދުލު އިންސާފުގެ ދާއިރާގައި އިސްލާހު ކުރަން ޖެހޭ ކަންތައްތައް ނެތެކޭ ދަންނަވަނީކީ ނޫން. އެހެންނަމަވެސް އަޅުގަނޑުމެން ރައްޔިތުންނަށް ލިބޭނެ އެންމެ އުފާވެރި ހަބަރަކަށް ވެގެންދާނީ އަދުލު އިންސާފު ދާއިރާގައި ހުރި މައްސަލަތަކަކީ ހަލުވި ކަމާއެކީ އިންސާފު ލިބޭ މައްސަލަތަކަކަށް ވެގެން ދިއުން،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ ޝަރުއީ މަރުހަލާގައި އަވަސް ކަމާއެކު ރަނގަޅަށް މައްސަލަތައް ނިމިގެންދާ ކަމުގެ އިތުބާރު ބޭރުގެ ފަރާތްތަކަށް އޮންނަން ޖެހޭ ކަމަށެވެ.
"އެކަންކަން ކުރަންޏާ ދެއްތޯ ހުޅުމާލޭގައި ކުރޫޒް ޓާމިނަލްއެއްވެސް އެޅޭނީ. އެކަންކަން ކުރެވެންޏާ ދެއްތޯ އަޅުގަނޑުމެންނަށް އެއާޕޯޓަށް ބޭނުންވާ އިތުރު ފައިސާ ވެސް ހޯދޭނީ. އެކަންކަން ކުރެވެންޏާ ރާއްޖޭގެ އެކި ހިސާބުތަކުގައި އަޅުގަނޑުމެންނަށް މެރީނާތައްވެސް އެޅޭނީ...،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީނު ވިދާޅުވީ، އަދުލު އިންސާފުގެ ދާއިރާގެ ކަންތައްތައް ހަރުދަނާވެ މައްސަލަތައް އަވަސް ކަމާއެކީ ނިމިގެން ދިއުން މުހިއްމު ވަނީީ އެ ސަބަބުތަކަށްޓަކައި ކަމަށެވެ.
"މިހާރު އަޅުގަނޑަށް އޮތީ އުއްތަމަ ފަނޑިޔާރު ކަށަވަރުކަން ދެއްވާފަ، އަދި އާއްމުކޮށް އެކަން އެ ވަނީ އިއުލާނުވެސް ކުރެވިފަ. އެކިއެކި މާލީ މަރުކަޒުތަކާ ދޭދޭ ފަރާތްތައް، އޭގެ ތެރޭގައި ކުންފުނިތައް ހިމެނޭ ގޮތަށް ކުރެވޭ މުއާމަލާތްތަކުގެ މައްސަލަތައް އަދުލު އިންސާފުގެ މުޅި މަރުހަލާ ނިމިގެންދާއިރު...، ގިނަ ވެގެން ހަ މަސައްދުވަހުގެ ތެރޭގައި މި މައްސަލަތައް ނިންމަވައި ދެއްވާނެ ކަމަށް،" ރައީސް ޔާމީނު ވިދާޅުވި އެވެ.