މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ އިންތިހާބް ބޭއްވުމަށް އެއްވެސް ހުރަހެއް ނެތް ކަމަށް އެ އިދާރާގެ ރައީސް މުހައްމަދު ރިޔާޒް (ރިޔާ) ވިދާޅުވެއްޖެ އެވެ.

ވީއޭއެމްގެ އިންތިހާބް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ އިރު އެ އިދާރާއާ ގުޅޭ ގޮތުން ހުށެހެޅިފައިވާ މައްސަލަތަކަކާއި ގުޅިގެން އެންޓް ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެ މައްސަލަ ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުގެ ރައީސް ހަސަން ލުތުފީ ވިދާޅުވިއެވެ.

"އިންތިހާބް ކައިރި ވެފައި ވަނިކޮށް އެ އިދާރާގެ މައްސަލަތަކެއް ހުށަހެޅުމުން މިއަންނަނީ ބަލައި ތަހްގީގް ކުރަމުން. އިއްޔެ ވާނީ އެ އިދާރާއިން ލިޔެކިޔުންތައް ހޯދައިފަ. މިހާރު މިއަންނަނީ އެ ދިރާސާކުރަމުން. މައްސަލައެއް ފާހަގަ ވެއްޖެ ނަމަ ކަމާ ބެހޭ ފަރާތް ތަކަށް އަންގާނަން،" ލުތުފީ ވިދާޅުވިއެވެ.

ނަމަވެސް ރިޔާ ވިދާޅުވީ، އެއްވެސް އިދާރާ އަކުން މާދަމާގެ އިންތިހާބް ނުބޭއްވުމަށް އަންގާފައި ނުވާ ކަމަށާއި ކުރިންވެސް ހަމަޖެހިފައިވާ ގޮތަށް އިންތިހާބް މާދަމާ ކުރިއަށް ދާނެ ކަމަށެވެ.

"އެސީސީ އަދާކުރަމުން ދަނީ އެ މީހުންގް ޒިންމާ. މި އިދާރާގެ އެއްވެސް މައްސަލަ އެއް އުޅޭނަމަ އެކަން ހާމަކުރާނެ. އެއްވެސް ފަރާތަކުން އަދި ނެތް އެފަދަ އިޝާރާތެއް ކޮށްފައެއް،" ރިޔާ ވިދާޅުވިއެވެ.

އޭސީސީން ވީއެއެމްގެ މައްސަލައެއް ބަލަމުން އަންނައިރު އެ ކޮމިޝަނުން އަންނަނީ ބެޑްމިންޓަން އެސޯސިއޭޝަންއާ ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލައެއް ވެސް ބަލަމުންނެވެ. އެގޮތުން ކުރިން މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބް ހޯމް މިނިސްޓްރީގެ އެދުމުގެ މަތިން ވަނީ މުއްދަތެއް ނެތި ފަސްކޮށްފައެވެ.

މާދަމާގެ އިންތިހާބް ވިއޭއެމް އިން ބާއްވާން ނިންމާފައިވާ އިރު އެ އިދާރާގެ ރައީސް ކަމަށް މިހާރުގެ ވެސް ރައީސް ރިޔާ ވާދަކުރައްވާނެއެވެ. އޭނާއާ ދެން ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އެވެ.