27 Apr 2011, 15:38
ބައެއް ބިލުތައް މަޖިލީހުން ނުނިންމައި މި މަހު 30 ން ފެށިގެން ޗުއްޓީ އަށް ނުގޮސް، މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާ މުއްދަތު އިތުރު ކުރުމަށް ގަތޮޅު ދެކުނު ދާއިރާގެ އަހްމަދު މަހްލޫފު ހުށަހެޅުއްވި ގަރާރު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ގަރާރަށް ވޯޓަށް އެހުމުން ޖަލްސާގައި ތިއްބެވި 72 މެންބަރުންގެ ތެރެއިން 30 މެންބަރުން ގަރާރު ފާސްކުރަން ވޯޓު ދެއްވި ނަމަވެސް ގަރާރު ފާސްކުރަން ނުފެންނަ ކަމަށް 34 މެންބަރުން ވޯޓު ދެއްވި އެވެ.
އެ ގަރާރަށް ތާއީދު ކުރައްވައި ބައެއް މެންބަރުން ވާހަކަ ދެއްކެވި ނަމަވެސް މަހްލޫފު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީގެ ބައެއް މެންބަރުން ވެސް ވަނީ އެ އިސްލާހް ހުށަހެޅުއްވި މައްސަލައިގައި މަހްލޫފަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމާއި މާފަންނު ހުޅަނގު ދާއިރާގެ އަބުދުﷲ އަބުދުއްރަހީމް ވިދާޅުވީ، އެ ގަރާރަކީ މަޖިލީހަށް ގަރާރު ހުށަހެޅުމަށް އޮންނަ އުސޫލާ ހިލާފަށް މެންބަރުންނާ މަޝްވަރާ ނުކުރައްވައި ހުށަހެޅުއްވި ގަރާރެއް ކަމަށެވެ. އަދި އެ ގަރާރަކީ މަހްލޫފްގެ އިހްލާސްތެރިކަމުން ހުށަހެޅުއްވި ގަރާރެއްނޫން ކަމަށާއި އެއީ މެޑެލް ޖެހުމުގެ ގޮތުން ހުށަހެޅުއްވި ގަރާރެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
މަހުލޫފުގެ ގަރާރަށް ތާއީދު ކުރައްވައި އެމްޑީޕީގެ މެންބަރުން ވާހަކަ ދެއްކެވި ކަން ވެސް ފާހަގަ ކޮށްލެވެ އެވެ. އެގޮތުން މައްޗަން ގޮޅީ ދެކުނު ދާއިރާގެ މުހައްމަދު ރަޝީދާއި ދާންދޫ ދާއިރާގެ މުހައްމަދު ރިޔާޒު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުން ބައެއް ބިލުތައް ނުނިންމައިގެން ކުށް ކުރުން ނުހުއްޓިވާ ކަމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކާ އިރު ޖަލްސާގެ މުއްދަތު އިތުރުކޮށްގެން ނަމަވެސް އެފަދަ ބިލްތައް ނިންމުމަކީ މުހިއްމު ކަމެއް ކަމަށެވެ.
މަހްލޫފު އެ ގަރާރު ހުށަހަޅުއްވާފައި ވަނީ، ޖިނާއީ އިޖުރާއަތުގެ ބިލާއި ހެއްކާ ބެހޭ ބިލާއި ޖަލުތަކާއި ޕެރޯލްގެ ބިލާއި ކުށްކުރުން ހުއްޓުވުމަށް ހާއްސަ ފިޔަވަޅުތައް އެޅުމުގެ ބިލާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނަށާއި ގޭންގު ކުށްތައް މަނާ ކުރުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްނުކޮށް މި މަހު ތިރީހުން ފެށިގެން މަޖިލިސް ޗުއްޓީ އަށް ނުގޮސް މަޖިލީހުގެ ފުރަތަމަ ދައުރު އިތުރު ކުރުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މި މަހު 30 އިން ފެށިގެން އެއް މަސް ދުވަހުގެ މުއްދަތަށް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޗުއްޓީއެއް މަޖިލީހުގެ މެންބަރުންނަށް ދޭން ޖެހޭނެ އެވެ.
މަހްލޫފުގެ ގަރާރު ފާސްނުވުމުން މާދަމާގެ ޖަލްސާ އަށް ފަހު މަޖިލީސް ދެން ފެއްޓޭނީ އަންނަ ޖޫން މަހުން ފެށިގެންނެވެ.