16 Mar 2016, 16:04
މިއަދު ބޭއްވުމަށް ހަމަޖެއްސި ބެޑްމިންޓަން އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާ އާއި އެ އެސޯސިއޭޝަނުގެ އިންތިހާބު ހޯމް މިނިސްޓްރީގެ އެދުމުގެ މަތިން ލަސްކޮށްފި އެވެ.
އެކަން ހާމަކޮށް އެ އެސޯސިއޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިންތިހާބު ލަސްކޮށްފައިވާ ކަމަށާއި އިންތިހާބު ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ. ނަމަވެސް އޭގެ އެއްވެސް ތަފްސީލެއް ބަޔާނުގައި ހާމަކޮށްފައެއް ނުވެ އެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުގެ އިންތިހާބު ލަސްކުރެވިފައިވާ އިރު އެންޓި ކަރެޕްޝަން ކޮމިސަން (އޭސީސީން)ގެ ރައީސް ހަސަން ލުތުފީ ވަނީ އެ އިދާރާއާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތަކެއް ބަލަމުން އަންނަ ކަން 'ސަން' އަށް ކަށަވަރު ކޮށްދީފަ އެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ މައްސަލަތަކެއް ބަލަމުން އަންނަ އިރު އޭސީސީން އަންނަނީ ވޮލީ ބޯލް އެސޯސިއޭޝަންގެ މައްސަލަތަކެއް ވެސް ބަލަމުންނެވެ.
"ހުށެހެޅިފައިވާ މައްސަލްތަކަކާ ގުޅިގެން އަޅުގަނޑުމެން މި އަންނަނީ އެ ދެ އިދާރާގެ ތަހްގީގުތަކެއް ވެސް ކުރަމުން. ނަމަވެސް އަޅުގަނޑުމެން އެއެވްސް އެސޯޝިއޭސަންގެ އިންތިހާބެއް ނުހުއްޓުވަން. އެކަން ކުރާނީ އެކަމަކާ ގުޅޭ އިދާރާ އަކުން،" ލަތީފް ވިދާޅުވި އެވެ.
މިރޭ ބާއްވާން ކުރިން ހަމަޖައްސާފައިވާ ބެޑްމިންޓަން އެސޯސިއޭޝަނުގެ އިންތިހާބުގައި ރައީސްގެ މަގާމަށް ކުރިމަތިލައްވާފައި ވަނީ މިހާރުގެ ރައީސް މޫސާ ނާޝިދު އާއި ހަސަން ރިޔާޒް (ބަބާ) އެވެ.