16 Mar 2016, 15:33
ޕެރިސް (މާޗް 16): ޕީއެޗްޑީ ހޯދަން މަސައްކަތް ކުރާތާ 30 އަހަރު ފަހުން ފްރާންސުގެ 91 އަހަރުވީ އަންހެނަކު ޕީއެޗްޑީ ހާސިލްކޮށްފި އެވެ.
ފްރާންސުގެ އިރުމަތީ އޮންނަ ބިޒަންސޯންގައި އެގައުމަށް ހިޖުރަ ކުރާ މީހުންނަށް ކިޔަވައި ދިނުމުގެ ޕްރޮގްރާމްތައް ހިންގުމުން ލިބުނު ތަޖުރިބާއަށް ބިނާކޮށް ތީސިސް ލިޔުނު ކޮލެޓް ބޯލިއޭ ބުނީ ތީސިސް ލިޔަން އެހާވަރަށް ގިނަ ދުވަސް ނެގީ ލިޔަމުން ދިޔަ އިރު ބްރޭކް ނަގަމުން ދިޔުމުން ކަމަށެވެ.
"[ތީސިސް] ލިޔަން ދުވަސްކޮޅެއް ނެގީ އަހަރެން ބްރޭކް ނަގަމުން ދިޔުމުން،" ބޯލިއޭ ބުންޏެވެ.
"އިމިގްރެންޓް ވޯކާސް އިން ބިޒަންސަން އިން ދި ސެކަންޑް ހާފް އޮފް ދި 20 ސެންޗަރީ"ގެ ނަން ދީފައިވާ ބޯލިއޭ މަސައްކަތަށް ވަނީ "ހައި ޑިސްޓިންކްޝަން" ލިބިފަ އެވެ.
ބޯލިއޭ ޕީއެޗްޑީ ހަދަން ޝައުގުވެރިވީ 1983ގައި އޭނާ މަސައްކަތް ކުރުން ހުއްޓާލުމުންނެވެ. ފްރާންސުގައި ޕީއެޗްޑީއެއް ހަދަން އާއްމުކޮށް ނަގަނީ ތިން އަހަރެވެ. ނަމަވެސް ބޯލިއޭ އަކީ "ވަރަށް ތަފާތު" ދަރިވަރެއް ކަމަށް އޭނާގެ ޕްރޮފެސަރު، ސާޖް އޯމޮކްސް ވިދާޅުވި އެވެ.
"އެމައުލޫމާތު އެހާވަރަށް ތަފުސީލުކޮށް އެނގޭ އަދި ހުރިހާ މައުލޫމާތު އެއްކުރަން އެނގޭ ހަމައެކަނި މީހަކީ ބޯލިއޭހެން އަޅުގަނޑަށް ހީވަނީ. އޭނާ ވަނީ [ތީސިސްގައި ހިމަނާފައިވާ މައުލޫމާތަށް] ހެކި ހުށަހަޅާފައި،" ޕްރޮފެސާ އޯމޮކްސް ވިދާޅުވި އެވެ. (އޭއެފްޕީ)