16 Mar 2016, 14:46
ނޭޝަނަލް ޔޫތު ކައުންސިލަށް (އެންވައިސީ) ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ނުވަ މެމްބަރުން ހިމެނޭ ޔޫތު ކައުންސިލަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
ޔޫތު މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނީ ޔޫތު ކައުންސިލުގެ މައިގަނޑު ބޭނުމަކީ އެ މިނިސްޓްރީން ކުރާ މަސައްކަތްތަކަށް، ޒުވާނުންނާ ރަހުމަތްތެރި މަސައްކަތްތަކަކަށް ހެދުމަށް ކަމަށެވެ. އަދި ޒުވާނުންނަށް އަމާޒުކޮށްގެން ހަދާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށް ޔޫތު މިނިސްޓަރަށް ލަފާ ދިނުމަކީ ވެސް އެ ކައުންސިލުގެ ބޭނުމެއް ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
ޔޫތު މިނިސްޓްރީން ބުނީ އެ ކައުންސިލަށް ކުރިމަތިލާ ފަރާތްތަކަކީ ސަރުކާރުން އެކުލަވާލައްވާފައިވާ އެއްވެސް މުއައްސަސާއެއްގެ ބޯޑް މެމްބަރެއް ނުވަތަ، ކޮމިޝަނެއް އަދި ކައުންސިލެއްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ބުނީ ސިޔާސީޕާޓީއެއްގެ މަޤާމެއް ނުވަތަ ނުވަތަ ސިޔާސީ މަގާމެއް އަދާކުރާ މީހަކަށް ވެސް އެ ކައުންސިލަށް ކުރިމަތި ނުލެވޭނެ ކަމަށެވެ.
އެ ކައުންސިލަށް ހޮވޭ މެމްބަރުންގެ މަސްއޫލިއްޔަތެއް ކަމަށް ޔޫތު މިނިސްޓްރީން ބުނެފައި ވަނީ ރަށު ފެންވަރުގައި، އަތޮޅު ފެންވަރުގައި އަދި ގައުމީ ފެންވަރުގައި ޒުވާނުންނަށް ދިމާވާކަންކަން ދެނެގަނެ، އެކަންތައްތަކާއި މެދު ޚިޔާލުބަދަލުކޮށް އެކަންތައްތަކަށް ހައްލެއްހޯދުމަށް ކުރެވިދާނެ މަސައްކަތްތަކުގެ މަޝްވަރާ ދިނުން ކަމަށެވެ.