މިދިޔަ އަހަރުގެ އޮކްޓޯބަރުގެ މަހުގެ 28 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރައްވާފައިވާ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ޓެރަރިސްޓް ޖަމާއަތްތައް ސަރުކާރު ގެޒެޓުގައި ޝާއިއު ކުރުމުގެ ބަދަލުގައި ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ އިރުޝާދުގެ ދަށުން ސިފައިން ބަލަހައްޓާ ގޮތަށް ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އެ ގޮތަށް އިސްލާހު ފާސްކުރީ 43 މެމްބަރުން ވޯޓު ދެއްވައިގެން ނެވެ. އެ ގޮތަށް އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 16 މެމްބަރެކެވެ.

ސަރުކާރުގެ ފަރާތުން ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން ހުށަހެޅުއްވި އެ އިސްލާހުގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖަމިއްޔާތަކާއި ޖަމާއަތްތައް ބައިވެރިވުމުގެ ހައްގު އެ ގާނޫނުގެ ދަށުން ގާނޫނު އަސާސީގެ 30 ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ މިންވަރަށް ހަނި ކުރެވިފައިވާ ހިނދު އެ ހައްގު ޒިންމާދާރު ގޮތެއްގައި ބޭނުން ކުރުމަށް މަގުފަހިކުރަންޖެހޭނެ ކަމަށެވެ.

އިސްލާހުގައި ބުނެފައި ވަނީ ރަސްމީ ހައިސިއްޔަތެއްގައި ދިވެހި ދައުލަތުން ނުވަތަ ދިވެހި ސަރުކާރުން ބައިވެރިވެފައިވާ ޖަމިއްޔާތަކާއި އެ ޖަމިއްޔާތަކާއި ގުޅިފައިވާ ޖަމިއްޔާތަކުގެ އިތުރުން ޖަމިއްޔާތަކުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ އެންމެހާ ޖަމިއްޔާތައް ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓުން އިސްތިސްނާވެގެން ވާނެ ކަމަށެވެ.

އިސްލާހުގައި ބުނެފައި ވަނީ ބޭރުގެ ޖަމިއްޔާއެއް ރާއްޖޭގައި ހިންގުމަށް އެދޭ ފަރާތެއް އެފަދަ ޖަމިއްޔާގެ ލިޔެކިޔުންތައް ފަތުރާ ޝާއިއުކުރަން އެދޭ ފަރާތަކުން ހޯމް މިނިސްޓަރަށް ހުށަހަޅަންވާނެ ކަމަށެވެ. އަދި އެފަދަ ހުށަހެޅުމެއް މިނިސްޓަރަށް ލިބޭތާ ފަނަރަ ދުވަހުގެ ތެރޭގައި އެ ހުށަހެޅުމަކާ މެދު މިނިސްޓަރު ނިންމެވި ގޮތް ސަބަބާއި އެކު ލިޔުމުން އެ ހުށަހެޅުން ހުށަހެޅި ފަރާތަށް ފޮނުވަންވާނެ ކަމަށެވެ. އަދި މިނިސްޓަރު އެ ނިންމުން ފަނަރަ ދުވަހުގެ ތެރޭގައި ހުށަހެޅުން ހުށަހެޅުއްވި ފަރާތަށް ހިއްސާ ނުކޮށްފި ނަމަ އެ މީހަކު ހުށަހެޅި ކަމަކައިގެން ކުރިއަށް ދިއުމުގެ ހައްގު ލިބިގެންވާ ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ.

ބިލު މަޖިލީހަށް ހުށަހެޅުއްވި ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސައިން: ފޮޓޯ/ މަޖިލިސް

މަޖިލީހުން މިދިޔަ އަހަރު ފާސްކުރި ޓެރަރިޒަމް މަނާ ކުރުމުގެ ބިލުގައި ބުނެފައި ވަނީ ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުންތައް ބެހުމާ ސާކިއުލޭޓް ކުރުމަކީ ވެސް ޓެރަރިޒަމުގެ އަމަލެއް ކަމަށެވެ. ހަމައެއާ އެކު ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުން ވިއްކުމާއި ދިނުމުގެ އިތުރުން އެފަދަ ލިޔެކިއުން އާންމު ގޮތެއްގައި މީހުންނަށް ކިޔޭނެ ނުވަތަ އަޑުއެހޭނެ ނުވަތަ ފެންނަން ހުންނާނެ ގޮތަށް އެތަކެތި ލިބުމަކީ ވެސް ޓެރަރިޒަމުގެ އަމަލެއް ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.

އެފަދަ ކުށެއް ކުރާ ފަރާތެއްގެ އަދަބެއްގެ ގޮތުގައި ބިލުގައި ބުނެފައި ވަނީ ހަތް އަހަރާއި 10 ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ބިލުގައި ބުނެފައިވާ ގޮތުގައި ޓެރަރިސްޓް ޖަމާއަތެއްގެ ލިޔުންތައް ޓީވީ ރޭޑިއޯ ނުވަތަ އިންޓަނެޓް މެދުވެރިކޮށް ނަމަވެސް ފެތުރުމަކީ ކުށެކެވެ. އެފަދަ ކުށެއް ކޮށްފައިވާ މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.

ރާއްޖޭގައި މިހާރު އަމަލު ކުރަމުން އަންނަ ޓެރަރިޒަމް މަނާކުރާ ގާނޫނަކީ މީގެ 25 އަހަރު ކުރިން ހަދާފައިވާ ގާނޫނެކެވެ. އެއީ މުޅި ޖުމުލަ ހަ މާއްދާއެއްގެ މައްޗަށް އެކުލެވިފައިވާ ގާނޫނެކެވެ.

ޒަމާނީ ގޮތަށް ބައްޓަން ކޮށްފައިވާ ޓެރަރިޒަމުގެ ބިލުގައި ބުނެފައި ވަނީ ޓެރަރިޒަމުގެ އަމަލެއް ނުވަތަ އެފަދަ ކަމަކަށް ހިތްވަރު ދިނުން ނުވަތަ އެހީތެރިވެދިނުމަކީ ވެސް ކުށެއް ކަމަށެވެ. އަދި އެފަދަ ކުށެއް ކުރާ ފަރާތެއްގެ އަދަބަކީ 20 އަހަރާއި 25 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. އެފަދަ ކަމެއް ކުރަން ނުވަތަ އެފަދަ ކަމަކަށް އެހީތެރިވެދީ އެއްވެސް ސިފައެއްގައި އެފަދަ ކަމެއްގައި ބައިވެރިވާ ފަރާތެއްގެ އަދަބަކީ 17 އަހަރާއި 20 އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ކަމަށް ވެސް ބިލުގައި ބުނެފައިވެ އެވެ.