16 Mar 2016, 13:50
ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ލ. ފޮނަދޫގައި ގާއިމް ކުރުމަށް އެރަށު ކައުންސިލާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ފޮނަދޫގައި ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމްކޮށް، ކޯސްތައް ހިންގަން ފެށުމުގެ އެއްބަސްވުމުގައި ސޮއިކުރީ ކީރިތިޤުރުއާނާ ބެހޭ މަރުކަޒުގައި އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެއްބަސްވުމުގައި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ އެމަރުކަޒުގެ ރައީސް އިބުރާހީމް ރަޝީދު މޫސާއެވެ. އަދި ފޮނަދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އެކައުންސިލްގެ ރައީސް މުޙައްމަދު ރިޔާޒެވެ.
ޤުރުއާނާ ބެހޭ މަރުކަޒުގެ ރައީސް އިބުރާހީމް ޒަކަރިއްޔާ މޫސާ ނޫސްވެރިންނާ ވާހަކަފުޅުދައްކަވަނީ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ރައީސް އިބުރާހީމް ރަޝީދު މޫސާ ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ފޮނަދޫގައި ގާއިމްކުރާ ގޮފިން ފުރަތަމަ ފަށާނީ ގާރީ ކޯހުގެ ލެވެލް އެކެއް ކަމަށެވެ.
"އެއީ ގާތްގަނޑަކަށް ދެމަސްދުވަހުގެ ކޯހެއް. ދެން އެއަށް ފަހު އެއީ އެއް ސެމެސްޓަރު( ހަ މަސްދުވަހު)ގެ ކޯހެއް. ދެން އޭގެ ފަހުން ތިނަކަށް ދެވޭނެ. އެއީ އެއް އަހަރު ދުވަހުގެ ކޯހެއް،" ރަޝީދު ވިދާޅުވިއެވެ.
ގުރުއާނާ ބެހޭ މަރުކަޒުން ކުރާ ބައެއް މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ ޖަމާއަތްތެރިން ތަމްރީނު ކުރުމުގެ މަސައްކަތް ވެސް އެމަރުކަޒުން ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ މިސްކިތައް ބޭނުންކޮށްގެން ގުރުއާން ހިތުދަސްކޮށްދޭ ކްލާސްތައް ހިންގަން ވެސް މަރުކަޒުން ބޭނުންވާ ކަމަށެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ފޮނަދޫ ކައުންސިލްގެ ރައީސް މުހައްމަދު ރިޔާޒް ވިދާޅުވީ ވީހާވެސް ކައިރި މުސްތަގުބަލެއްގައި ގޮފީގެ މަސައްކަތް ފެށިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. ކީރިތިގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ފޮނަދޫގައި ގާއިމް ކުރައްވާތީ އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު ބާގިރަށާއި މަރުކަޒުގެ ވެރިންނަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.
ފޮނަދޫގައި ކީރިތިގުރުއާނާ ބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. ޒިޔާދު ބާގިރާއި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބުދުއް ރަހީމް އަބުދުﷲ ބައިވެރިވަޑައިގެންނެވިއެވެ.