27 Apr 2011, 15:23
އަށް މަހުގެ ދަރިފުޅު މަރާލި ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނެރަލް ]ޕީޖީ[ އޮފީހުން ދައުވާ ކުރާ އިންޑިއާގެ ރުބީނާ ބުރުހާނުއްދީނަށް 10 މަސްވީއިރު ވެސް، ދައުލަތުން ވަކީލެއް ހަމަނުޖައްސާދީފައިނުވާތީ އަވަހަށް މައްސަލަ ނިންމަން ވަކީލަކާ ނުލައި ޝަރީއަތް ފެށުމަށް ކްރިމިނަލް ކޯޓްގައި މިއަދު ރުބީނާ އެދިއްޖެ އެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ތ. ކިނބިދޫގައި އަށް މަހުގެ ދަރިފުޅު މަރާލި މައްސަލާގައި ކްރިމިނަލް ކޯޓްގައި މިއަދު ބޭއްވި ޝަރީއަތުގައި ރުބީނާ ބުނެފައި ވަނީ ވަކީލަކު ހޯދުމަށް ދައުލަތުގައި އެދިފައިވާ ކަމަށާއި 10 މަސްވީއިރު ވެސް ދައުލަތުން ވަކީލަކު ހަމަޖައްސާދީފައި ނުވާ ކަމަށެވެ. މައްސަލަ ދިގުލައި ބަންދުގައި ހުންނަށް ބޭނުން ނުވާތީ މައްސަލަ އަވަހަށް ނިންމުމަށް ވަކީލަކާ ނުލައި ޝަރީއަތްތައް ފެށުމަށް ކްރިމިނަލް ކޯޓްގެ ގާޒީ މުހުތާޒު މުހުސިންގެ އަރިހުގައި ރުބީނާ އެދުނެވެ.
"ސަރުކާރު ވަކީލު ]އަހަންނާ[ ބައްދަލު ވެސް ނުކުރަނީ. ނުވެސް އަންނަނީ. ބަންދުގަ ހުންނަން ބޭނުންނެތީ. މައްސަލަ އަވަހަށް ނިންމަނީ ވަކީލު ބޭނުން ނެތީ..." ފިރިމީހާ ހުސައިން ޖާބިރު އެހީއާއެކު ވަކީލަކު ހޯދުމުގެ މަސައްކަތް ކުރި ކަމަށް ބުނެ މިއަދުގެ ޝަރީއަތުގައި ރުބީނާ ބުންޏެވެ.
ގާޒީ މުހުތާޒު މުހުސިން ވިދާޅުވީ ވަކިލަކާ ނުލައި ޝަރީއަތް ފެށުމަށް ކޯޓްގައި އެދޭތީ މައްސަލައާމެދު ފަހުން ގޮތެއް ނިންމާނެ ކަމަށެވެ. އަދި ރުބީނާގެ މައްޗަށް އަމިއްލަ ދަރިފުޅު މަރާލިކަމުގެ ދައުވާ އާއި އަމުރަން ނުކިޔަމަންތެރިވުމުގެ ދައުވާ ކުރާއިރު، ކޮންމެހެން ވެސް ވަކީލަކު ބޭނުންވާނެ ކަމަށާއި އެހެންނަމަވެސް ރުބީނާ ވަކީލަކު ބޭނުން ނުވާ ކަމަށް ބުނާތީ ކޯޓުން އެކަމަށް އިޖާބަ ދޭނެ ކަމަށެވެ.
ގާޒީ ވިދާޅުވީ ވަކީލަކު ހަމަޖައްސާފައިވާ ކަމަށް ބުނެ، މިދިޔަ ފެބްރުއަރީ 15 ގައި ކްރިމިނަލް ކޯޓަށް ރުބީނާ ސިޓީއެއް އޭނާ ފޮނުވާފައިވާ ކަމަށެވެ. އަދި މާލީ ތަނަވަސްކަން ނެތް މީހުންނަށް ވަކީލަކު ދައުލަތުން ހަމަޖައްސަން ޖެހޭނެ ކަމަށާއި ރުބީނާއަށް ވަކީލަކު ހަމަނުޖެއްސުނު ސަބަބުން ދައުލަތުން ކްރިމިނަލް ކޯޓަށް އަންގާފައި ނުވާ ކަމަށެވެ. ރުބީނާއަކީ އިންޑިއާ މީހަކަށް ވުމާއެކު ތަރުޖަމާނަކު ވެސް ޝަރީއަތަށް ބޭނުންވާ ކަމަށާއި މިއަދުގެ ޝަރީއަތަށް ތަރުޖަމާނަކު ހަމަޖައްސާފައި ނުވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ރުބީނާ، މިއަދު ޝަރީއަތުގައި ބުނީ ގާޒީ ވިދާޅުވާ ސިޓީގެ މައުލޫމާތު އޭނާއަށް އެނގިފައި ނުވާ ކަމަށެވެ.