ޕިޝާވަރު (މާޗް 16): ޕާކިސްތާނުގެ ޕިޝާވަރުގައި ދުއްވާފައި ދިޔަ ބަހެއްގައި ބޮމެއް ގޮއްވާލުމުގެ ސަބަބުން 15 މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ ސަރުކާރުގެ މުވައްޒަފުންތަކެއް ދަތުރުކުރި އެބަސް ގޮވީ އޭގެ ތެރޭގައި ހަރުކޮށްފައި އޮތް ބޮމެއްގެ ސަބަބުން ކަމަށެވެ. އެހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން ނަގާފައި ނުވެ އެވެ. ނަމަވެސް ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވެނީ ޕާކިސްތާނުގެ ތާލިބާނުންނެވެ.

ރިޕޯޓުތަކުގައިވާ ގޮތުން 15 މީހަކު މަރުވުމުގެ އިތުރުން އެހަމަލާގައި 30 މީހަކަށް އަނިޔާވި އެވެ. އެ ހަމަލާ ދީފައި ވަނީ ތާލިބާނުންނާއި އެހެނިހެން ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް ޕާކިސްތާނުގެ ސިފައިން ވަރުގަދަ ކެމްޕެއިނެއް ފަށާފައިވާ ސަރަހައްދެއްގަ އެވެ.

ޕާކިސްތާނުގެ ސިފައިން އެކެމްޕެއިން ފެށީ 2014 ވަނަ އަހަރު ޕިޝާވަރުގެ އަސްކަރީ ސްކޫލަކަށް ތާލިބާނުން ދިން ހަމަލާއެއްގައި 150 މީހަކު މަރާލުމާ ގުޅިގެންނެވެ. އެ ހަމަލާގައި އެންމެ ގިނައިން މަރުވީ ކުޑަކުދިންނެވެ.

މިއަދުގެ ހަމަލާއާ ގުޅިގެން ޕާކިސްތާނުގެ ބޮޑު ވަޒީރު، ނަވާޒް ޝަރީފް އާއްމުކުރެއްވި ބަޔާނެއްގައި އޭނާ ވަނީ "އެފަދަ ފިނޑި އަމަލުތަކުގެ ސަބަބުން ގައުމުން ޓެރަރިޒަމް ނައްތާލުމަށް ކުރާ މަސައްކަތަށް ބަދަލެއް ނާންނާނެ" ކަމަށް ވިދާޅުވެފަ އެވެ. (ބީބީސީ)