ސެން ފްރެންސިސްކޯ (މާޗް 16): އެމެރިކާގެ ޖަލަކުން ފިލި ދެގައިދީން ހޯދަން ފުލުހުންނަށް އެހީތެރިވި ގެދޮރުނެތް މީހަކަށް އިނާޔަތެއްގެ ގޮތުން 100،000 ޑޮލަރު ދިނުމަށް އެގައުމުން ނިންމައިފި އެވެ.

މީގެ ހަދުވަސް ކުރިން ކެލިފޯނިއާގެ އޮރެންޖް ކައުންޓީ ޖަލުން ފިލުމުގެ ސަބަބުން ސްޓޭޓް ފެންވަރުގައި ހޯދަން ފަށާފައިވާ ތިން ކުށްވެރިންގެ ތެރެއިން ދެކުށްވެރިން ވޭނެއްގައި ތިއްބާ ފެނުމުން އެމީހުންގެ މައުލޫމާތު ފުލުހުންނަށް ދިނީ މެތިއު ހޭޗެޕްމަން އެވެ. އޭނާއަށް އެދެމީހުން ފާހަގަކުރަން އެނގުނީ ހަބަރުން އެދެމީހުންގެ ފޮޓޯ ފެނިފައި ހުރުމުންނެވެ.

ޖަލުން ފިލި ދެގައިދީންގެ ތެރެއިން ހުސައިން ނަޔެރީ އާއި ޖޮނަތަން ޓިއު ހައްޔަރުކުރީ އެދެމީހުން ފެނުނު ކަމަށް ހޭޗެޕްމަން ބުނި ސަރަހައްދުންނެވެ. ޖަލުން ފިލި ތިން ވަނަ ގައިދީ ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވެފަ އެވެ.

އެތިން ކުށްވެރިން ހޯދަން އެހީތެރިވެދޭ މީހަކަށް ހަމަޖައްސާފައި އޮތް 150،000 ޑޮލަރުގެ ތެރެއިން ބާކީ 50،000 ޑޮލަރު ދިނީ ތަހުގީގަށް އެހީތެރިވެދިން ތިން މީހަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޝައްކު އުފެދޭ ކަމަށް އަމަލު ކުރަމުން ދިޔަ ދެމީހަކު ރިޕޯޓުކުރި ސުޕަމާކެޓެއްގެ ދެމުވައްޒަފުންނާއި، ކުށްވެރިން ބޭނުން ކުރި ވޭނުގެ ވެރިޔާ އެވެ.

ތިން ކުށްވެރިން ވެގެން ރަހީނުކޮށްގެން ގެންގުޅުނު ޓެކްސީ ޑްރައިވަރަށް އެއްވެސް ބަދަލެއް ދޭން ހަމަޖައްސާފައި ނުވެ އެވެ. (ބީބީސީ)