16 Mar 2016, 12:33
މިދިޔަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ފުލުހަކަށް ހަމަލާދިނުމުގެ ކުށުގައި ހަތް އަހަރަށް ޖަލަށްލުމަށް ހުކުމް އިއްވި ނ. މިލަދޫ، ނޫރާނީގޭ މުހައްމަދު އިގްބާލް އެ މައްސަލަ އިސްތިއުނާފުކޮށްފި އެވެ.
އިގުބާލްގެ ގާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރު ވަނީ އެކަން ކަށަވަރުކޮށްދެއްވައިފަ އެވެ.
މިދިޔަ ހޯމަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހުގެ ރޭ 10:00 އާއި 10:30 އާ ދެމެދުގެ ވަގުތެއްގައި ޗާންދަނީމަގު އިސްކަންދަރު ސްކޫލް ކައިރިއަށް އެއްވެ މުޒާހަރާ ކުރަމުންދިޔަ ބަޔަކު ކޮންޓްރޯލް ކުރުމަށް އެވަގުތު އެތަނުގައި ހަރަކާތްތެރިވި ޕޮލިސް ސާޖަންޓު އަބްދުއްރަހްމާން ހުސައިން ޗާންދަނީ މަގުން އުތުރުން ދެކުނަށް ދުއްވާފައި ދަނިކޮށް މުޒާހަރާގެ ބައިވެރިއަކު އޭނާ ބިންމައްޗަށް ވައްޓާލި ކަމަށެވެ.
އަބްދުއްރަހްމާން ހުސައިން ބިންމައްޗަށް ވައްޓާލުމުން އިގްބާލް އޭނާގެ އަތުގައި އޮތް ހެލްމެޓުން ފުލުސް މީހާގެ ގައިގައި ޖަހާފައިވާކަން ދައުލަތުން ދައުލަތުން ހުށަހެޅި ހެކިތަކުން ޝަރީއަތަށް ސާބިތުވާ ކަމަށް އެ ހުކުމްގައިވެ އެވެ.
މޭޑޭ މުޒާހަރާގައި ފުލުސް މީހާ އަށް ބަޔަކު ހަމަލާދިނީ އަދާލަތު ޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲ އެ މުޒާހަރާގައި ދެއްކި ވާހަކަތަކުން ހިއްވަރު ލިބިގެން ކަމަށް ކަނޑައަޅައި އޭނާ 12 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ އެވެ.
ފުލުސް މީހާ އަށް ހަމަލާދިން ކަމުގެ ތުހުމަތުގައި އިތުރު ބައެއްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލައިފަ އެވެ.