16 Mar 2016, 12:28
ދީނީ އިލްމުވެރީންނާއި، ދާއީންގެ އިތުރުން ދީން ކުރިއެރުވުމަށް މަސައްކަތް ކުރާ ބައެއް ހާއްސަ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ އިލްމުވެރިންގެ ވަފުދެއް މި މަހު މައްކާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ޖަމިއްޔަތުއްސަލަފުން ބުނެފި އެވެ.
އެ ދަތުރުގައި ރާއްޖޭގެ 16 އިލްމުވެރިންނާ ދީނީ ކުރިއަރުވަން ހަރަކާތްތެރިވާ ހަތަރު ބޭފުޅުން ބައިވެރިވާނެ ކަމަށް ސަލަފުން ވަަނީ ބުނެފަ އެވެ. ދަތުރުގައި އިލްމުވެރިން ފުރުމަށް ހަމަޖެހިފައި ވަނީ މާދަމާ އެވެ.
ޖަމްޢިއްޔަތުއްސަލަފާއި ސައުދީ އަރަބިއްޔާގެ ވުޒާރާތަކާ ގުޅިގެން ކުރިއަށް ގެންދަން ނިންމާފައިވާ ދަތުރެކެވެ.
މާދަމާ އިން ފެށިގެން މި މަހުގެ 24 ވަނަ ދުވަހަށް ކުރިއަށްދާ ޕްރޮގްރާމުގެ މަގްސަދަކީ ދީނީ އިލްމުވެރީންނާއި ދާއީންގެ މެދުގައި އޮންނަންޖެހޭ ގުޅުމާއި އެކުވެރިކަން އާލާ ކުރުމާއި މަދަނީ ޖަމްއިއްޔާތަކުގެ ތެރެއިން އިޖްތިމާއީ މަސައްކަތްތައް ކޮށްއުޅުމުގެ އާ ދޮރުތައް ހުޅުވާލަދިނުމާއި، އިސްލާމްދީނުގެ ހިދުމަތުގައި ސައުދީ އަރަބިއްޔާގެ ދައުރާމެދު ހޭލުންތެރި ކުރުވުމެވެ.
އޭގެ އިތުރުން އިލްމީ އަދި ތަރުބަވީ ދާއިރާތަކުން އިލްމުވެރީންނާއި ދާއީން މުއްސަންދި ކުރުމާއި، އިތުބާރު ހުރި ބޮޑެތި އިލްމުވެރީންނާއި ގުޅުން ގާއިމުކޮށް މުއާމަލާތްކުރުމަށް ފަސޭހަކޮށްދެނިވި ދޮރެއް ހުޅުވާލުމާއި، ހައްގުގެ މަގުގައި ސާބިތުވެ ތިބުމަށް ބާރުއަޅައި، އިސްލާމްދީނަށް ހިދުމަތް ކޮށްދިނުމުގެ ދާއިރާ ފުޅާކުރުމަކީ ވެސް އެ ޕްރޮގްރާމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
އެ ދަތުރުގައި އިލްމީ އަދި ތަރުބަވީ ޕްރޮގްރާމްތަކާއި، އެކިއެކި ފަންނީ ވޯކްޝޮޕްތަކާއި، ތަޖުރިބާތައް ހިއްސާކުރާނެ އެވެ. އޭގެ އިތުރުން ޖަމްއިއްޔާ ޖަމާއަތްތަކާއި މުއައްސަސާތައް ހިންގުމުގައި އިދާރީ ފަންނާއި، ދާއިރާތަކުގެ އިލްމީ ގާބިލުކަން އިތުރުކުރުމުގެ ގޮތުން ވެސް ބައެއް ވޯކްޝޮޕްތައް ކުރިއަށް ދާނެ ކަމަށް ސަލަފުން ބުނެ އެވެ.