ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ފުރަތަމަ ފަހަރަށް މެންޗެސްޓާ ސިޓީ ދަތުރުކޮށްފިއެވެ.

ސިޓީ މުބާރާތުގެ ކުއާޓާއިން ޖާގައެއް ހޯދީ ރޭ ޔޫކްރޭނުގެ ޑައިނަމޯ ކިއޭވްއާ ދެކޮޅަށް ކުޅުނު މެޗު 0-0ގެ ނަތީޖާއިން އެއްވަރުވި ނަަމަވެސް ފުރަތަމަ ލެގްގެ މެޗު 3-1ގެ ނަތީޖާ އަކުން ސިޓީ ކުރި ހޯދާފައިވާތީއެވެ.

ސިޓީގެ ދަނޑުގައި ރޭ ކުޅުނު އެ މެޗުގައި ލަނޑެއް ފެނިގެންނުދިޔަ ނަމަވެސް ދެ ޓީމުގެ ފަރާތުން ވެސް ފެނިގެން ގޮސްފައިވަނީ ވާދަވެރި ކުޅުމެކެވެ. ފުރަތަމަ ހާފްގައި ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށް ވެސް ތަނަވަސްކުރެވިފައި ނުވާއިރު، ސިޓީއަށް މައްސަލަތަކާ ކުރިމަތިވީ އެ ޓީމުގެ ދެ ޑިފެންޑަރުން ކަމަށްވާ ވިންސެންޓް ކޮމްޕެނީ އާއި ނިކޮލަސް އޮޓަމެންޑީއަށް އަނިޔާވި ހިސާބުންނެވެ.

ދެވަނަ ހާފްގެ ކުރީކޮޅު ސިޓީ އަށް ލީޑް ނަގަން ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ ނަމަވެސް ކިއެވްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ނަވާސް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ސިޓީގެ ޔާޔާ ޓޫރޭ އާއި ސާޖިއޯ އަގުއެރޯ އަށް ވެސް ވަނީ އެ މެޗުގައި ގޯލު ޖަހާނެ ފުރުސަތު ލިބި ބޭކާރު ވެގެން ގޮސްފައެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު މެނުއަލް ޕެލެގްރިނީ ބުނީ މި ލިބުނު ކާމިޔާބީ އަކީ ސިޓީގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ މުހިންމު ކާމިޔާބެއް ކަމަށާއި އެކަމުގެ ފަހަތުގައި ވަނީ ސިޓީގެ ކުޅުންތެރިންގެ ބުރަ މަސަތްކަތް ކަމަށެވެ.

"މުހިންމު ދެ ޑިފެންޑަރުން ނުލައި މެޗުގެ ބޮޑުބައެއް ކުޅެން ޖެހުމުން ވަރަށް އުނދަގޫވި. ނަމަވެސް ސިޓީގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ މޮޅު ކުޅުމެއް. މިއީ ތާރީހްގައި ވެސް ލިޔެވިގެން ދާނެ ކާމިޔާބީއެއް،" ޕެލެގްރިނީ ބުންޏެވެ.

މީގެ އިތުރުން ރޭ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑް ވެސް ވަނީ ޗެމްޕިއަންސް ލީގުގެ ކުއާޓާއިން ޖާގައެއް ކަށަވަރުކޮށްފައެވެ. އެތުލެޓިކޯ ކުއާޓާފައިނަލަށް ދަތުރުކުރީ، ޕީއެސްވީއާ ދެކޮޅަށް ރޭ ކުޅުނު މެޗުން ޕެނަލްޓީގައި 7-8 އިން ކުރި ހޯދައިގެންނެވެ. އެ ދެ ޓީމް ފުރަތަމަ ލެގްގައި ކުޅުނު މެޗް އެއްވެސް ޓީމަކަސް ގޯލެއް ކާމިޔާބު ނުކުރެވި ވަނީ އެއްވަރުވެފައެވެ.