16 Mar 2016, 11:37
އދ. މާމިގިލީ ފެނުގެ ނިޒާމު އިފްތިތާހު ކޮށްދެއްވުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ހަވީރު އެ ރަށަށް ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
މާމިގިއްޔަށް ރައީސް ކުރައްވާ ދަތުރުފުޅުގައި، މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މިއީ ވެރިކަމަށް ވަޑައިގެންފަހުން ރައީސް ޔާމީން މާމިގިއްޔަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ފަހަކަށް އައިސް ރަށްރަށުގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތައް އިފްތިތާހު ކޮށްދެއްވުމަށް ރައީސް ޔާމީން އަންނަނީ އެ ރަށްތަކަށް ވަޑައިގަންނަވަމުންނެވެ.
އެގޮތުން މި އަހަރުގެ ތެރޭގައި އެމަނިކުފާނު ވަނީ ހއ. އުތީމު ބަނދަރު ސަރަހައްދުގައި ގައުމީ ދިފާއީ ބާރުން ހަދާފައިވާ ކަޅުއޮށްފުންމީގެ ހަނދާނީ ބިނާ އިފްތިތާހު ކޮށްދެއްވުމަށް އެ ރަށަށް ވަޑައިގެންފަ އެވެ.
އޭގެ އިތުރުން ފެބުރުއައީ މަހުގެ ތެރޭގައި ރައީސް ޔާމީން ވަނީ ގދ އަދި ނ އަތޮޅަށް ވެސް ދަތުރުފުޅެއް ކުރައްވާފަ އެވެ. ނ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ހޮޅުދޫ ނަރުދަމާގެ ހިދުމަތް ފައްޓަވައިދެއްވައި، އެ ރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ވަނީ ނިންމަވައިދެއްވާފަ އެވެ.
އަދި ކުޑަފަރީގައި ސަރުކާރުން ތަރައްގީކޮށްދިން ބަނދަރު ވެސް ރައީސް ޔާމީން ވަނީ ރަސްމީކޮށް ހުޅުއްވައިދެއްވައިފަ އެވެ.
ގދ. ތިނަދޫއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެރަށުގެ ނަރުދަމާ ނިޒާމު ރަސްމީކޮށް ފައްޓަވައި ދެއްވައި، އެރަށުގެ ބަނދަރުވެސް ހުޅުއްވައި ދެއްވިއެވެ. ހަމައެހެންމެ ނިމިފައިވާ އެރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ވެސް އިފްތިތާހު ކޮށްދެއްވި އެވެ.
ހަމައެއާއެކު ގައްދޫގައި ރައްކާތެރި ބޯފެނުގެ ހިދުމަތް ވެސް އެމަނިކުފާނު ވަނީ އިފްތިތާހް ކޮށްދެއްވާފަ އެވެ.