ހުޅުމާލެއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ދެ ޖަނަރޭޓަރު ހުޅުމާލެއަށް ގެންގޮސް މިއަދު ހިދުމަތް ދޭން ނިންމައިފިއެވެ.

އެމްއޭސީއެލުން ހުޅުމާލޭ ކަރަންޓުގެ މައްސަލައަށް ހައްލެއް ދިނުމަށް ވަގުތީ ގޮތުން ދީފައި ވަނީ 1250 ކިލޯ ވޯޓުގެ ދެ ޖަނަރޭޓަރެވެ.

ސްޓެލްކޯގެ މީޑިއާ ކޯޑިނޭޓަރު އިބްރާހީމް ރައޫފް "ސަން"އަށް މިއަދު ވިދާޅުވީ އެމްއޭސީއެލުން ދީފައިވާ ދެ ޖަނަރޭޓަރު މިއަދު ހިންގަން ފެށޭނެ ކަމަށާއި އެއާއެކު ހުޅުމާލެއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

"ރޭ ނޫން ކުރީ ރޭ ދަންވަރު އޭތި ގެންދެވުނީ، މިހާރު އިންސްޓޮލޭޝަން މަސައްކަތްތައް ކުރިއަށް މިދަނީ، މިއަދު ނިންމާފަ މިއަދު ހިންގާލެވޭވަރުވާނެ އަޅުގަނޑުމެންނަށް." ރައޫފު ވިދާޅުވިއެވެ.

ސްޓެލްކޯއިން ހުޅުމާލެއަށް ގެންނަ ދެ ޖަނަރޭޓަރު ގެންނަން އަދި ހަ ހަފްތާއެއްހާ ދުވަސް ނަގާނެ ކަމަށް ވެސް ރައޫފު ވިދާޅުވި އެވެ. ހުޅުމާލޭގައި ހައުސިން ފުލެޓު އިތުރުވުމާއެކު އިތުރު ޖަނަރޭޓަރު ގެނައުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައޫފު ވިދާޅުވި އެވެ.

ހުޅުމާލެއަށް މިހާރު ވަނީ ކަރަންޓުގެ މައްސަލަ ކުރިމަތިވެފަ އެވެ. އެގޮތުން އެކި ވަގުތުތަކުގައި އެ ރަށުން ދަނީ ކަރަންޓު ކަނޑަމުންނެވެ.