ރައްޔިތުންނަށް އަސާސީ ހައްގުތައް ފޯރުވައި ދިނުމުގައި އިހްމާލް ވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ސަރުކާރަށް ގޮވައިލައިފި އެވެ.

ރ. ދުވާފަރުގެ ފެން ތަޣައްޔަރުގެ ސާފު ފެން ނުލިބުމުގެ ސަބަބުން ރައްޔިތުންގެ ބަޔަކު މަގުމަތިވެފައިވާ މައްސަލައިގައި ދުވާފަރު ދާއިރާގެ މެންބަރު މުހައްމަދު ޒުބެއިރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލައާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ބައެއް މެންބަރުން ވިދާޅުވީ، ފެނާއި ކަރަންޓާއި ނަރުދަމާގެ ހިދުމަތްތަކަކީ، ރައްޔިތުންނަށް ދިނުން ގާނޫނު އަސާސީން ސަރުކާރަށް ލާޒިމު ކުރާ ހިދުމަތްތަކެއް ކަމަށެވެ. އަދި އެފަދަ އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ފޯރުވައި ނުދެވުމުގެ ސަބަބުން ސަރުކާރު ފެއިލްވެފައިވާ ވަރު ހާމަވާ ކަމަށް ވެސް ބައެއް މެންބަރުން ވިދާޅުވި އެވެ.

މަނަދޫ ދާއިރާގެ މުހައްމަދު ތޯރިގު ވިދާޅުވީ، ފެނަށް ޖެހިފައިވާ ދުވާފަރު ރައްޔިތުންނަކީ ހާއްސަ ހާލަތެއް ދިމާވެފައިވާ ބައެއް ކަމަށް ބަލައި އެކަން ހައްލު ކޮށްދޭންޖެހޭކަން ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ކަމަށެވެ. އަދި އެކަމަކީ ރަށުކައުންސިލް ނުވަތަ އަތޮޅު ކައުންސިލް ގެ ބޮލުގައި އަޅުވައިގެންވާނެ ކަމެއްނޫން ކަމަށާއި، އެކަންތަކުގައި އިހްމާލުވާ ފަރާތްތައްތަކާމެދު ފިޔަވަޅު އަޅައި އެ ފަރާތްތައް މަގާމުން ވަކި ކުރުމަށް ވެސް ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ ތޯރިގު ސަރުކާރަށް ގޮވައި ލެއްވި އެވެ.

"އެކަމުގައި އިހްމާލްވާ ބަޔަކު ތިބޭނެ. އެހެން ކަމުން ރައްޔިތުންނަށް އެ ދިމާވި ނިކަމެތި ހާލަތަށް ޒިންމާވާ ފަރާތްތައް ހޯދައި އެމީހުން މަގާމުން ދުރު ކުރަންއެބަޖެހޭ. ނުވަތަ އިހްމާލް ވެފައިވާކަން އަމިއްލައަށް ގަބޫލު ކޮށްގެން އެބަ ޖެހޭ އިސްތިއުފާދޭން. ސަރުކާރުން ކޮންމެވެސް ބަޔަކާ އެކަންތައް ވާނީ މަތިކޮށްފައި. އެފަދަ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށް އަޅުގަނޑު ސަރުކާރަށް ގޮވާލަން،" ތޯރިގު ވިދާޅުވި އެވެ.

ފަރެސް މާތޮޑާ ދާއިރާގެ އިބްރާހިމް މުއްތަލިބު ވެސް ވަނީ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ދޭން ތިބި މީހުން އިހްމާލު ވެފައިވާ ކަމަށް ވިދާޅުވެ އެ ފަދަ ފަރާތްތަކުގެ އިސްތިއުފާއަށް ގޮވައި ލައިފަ އެވެ.

"އެފަދަ ކަންތައްތަކުގައި އިހްމާލު ވާނަމަ އެންމެ ރީތި ގޮތަކީ އިސްތިއުފާ ދިނުން. އަދި ދާދި ފަހުން އާއްމު ވެގެންދިޔަ ބަދު އަހްލާގީ ވީޑިއޯތަކުގައި، ފާހިޝް ކަންތައްތަކުގައި ތިބި މީހުން ދިވެހި ގައުމުގެ ކަރާމާތައް ޓަކައި އިސްތިއުފާ ދިނުމަށް ވެސް އަޅުގަނޑު ގޮވައިލަން،" މުއްތަލިބު ވިދާޅުވި އެވެ.

ތޮއްޑޫ ދާއިރާގެ އަލީ ވަހީދު ވިދާޅުވީ، ރައްޔިތުންނަށް ލިބިދޭ މިނިވަންކަމާއި ހައްގުތައް ހިމާޔަތް ކުރުމަކީ ދައުލަތުގެ ވާޖިބެއް ކަމަށެވެ. އަދި ރައްޔިތުންނަށް ރަނގަޅު ކާނާ އާއި ސާފު ބޯފެނާއި ކަރަންޓާއި ނަރުދަމާގެ ހިދުމަތް ދިނުމަކީ އެވަގުތަކު އޮންނަ ސަރުކާރު ހިންގާ ބަޔަކަށް ގާނޫނު އަސާސީން ލާޒިމު ކުރާ ކަމެއް ކަމަށެވެ. އަދި ދުވާފަރު ނޫނަސް ކޮންމެ ރަށެއްގައި ވެސް ރައްޔިތުން އެފަދަ ހާލަތަކަށް ދިއުމަކީ ދައުލަތް ނުވަތަ ސަރުކާރު ހިންގަންތިބި މީހުން ފެއިލްވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައީސުލް ޖުމްހޫރިއްޔާ އަށް ލާޒިމު ވެގެންވޭ ފެނާ ކަރަންޓާ ނަރުދަމަޔާ ބޭސިކް ނީޑްސް ކޮންމެ ރައްޔިތަކަށް ފޯރުކޮށް ދިނުން. އެވަރުގެ ގާބިލްކަން ހުންނަންޖެހޭނެ،" އަލީ ވަހީދު ވިދާޅުވި އެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ވިލުފުށީ ދާއިރާގެ ރިޔާޒު ރަޝީދު ވިދާޅުވީ، ގާނޫނުއަސާސީގެ 23 ވަނަ މާއްދާއިން ރައްޔިތުންނަށް ކަށަވަރު ކޮށްދޭ ހުރިހާ އަސާސީ ހިދުމަތްތަކަކުން ސަރުކާރަށް އަގު ނަގަމުން ދަނީ، ވަރަށް ބޮޑު ރޭވުންތަކެއްގެ ތެރެއިން ކަމަށެވެ. އަދި އެމްޑީޕީއަށް ސޮއި ނުކުރައްވާ މެންބަރުންނަށާއި އެ މެންބަރުން ހިމެނޭ ދާއިރާގެ ރައްޔިތުންނަށް ސަރުކާރުން ދަތި ކުރަމުންދާ ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

"މިއަދު ވަރަށް އަނިޔާވެރި ގޮތަކަށް ސަރުކާރުން ދަނީ ރައްޔިތުންގެ އަތުން ލާރި ނަގަމުން. އެމްޑީޕީއަށް ސޮއިކުރި މެންބަރެއްގެ ދާއިރާއަށް ނޫނީ ކަމެއް ކޮށްދިނުމެއް ނޯވޭ. ދުވާފަރު ރައްޔިތުންނަށް އަޅުގަނޑު ގޮވާލަން ހިފާ ހައްޔަރު ކޮށްގެން ނަމަވެސް މެންބަރު ލައްވައި އެމްޑީޕީގެ ފޯމެއްގައި ސޮއި ކުރުވަން. އޭރުން ހުރިހާ ހިދުމަތެއް ބަރާބަރަށް ލިބޭނެ،" ރިޔާޒު ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ހުޅުހެންވޭރު ދާއިރާގެ ރީކޯ މޫސާ މަނިކު ވިދާޅުވީ، ދުވާފަރަށް ދިމާވެފައިވާ ފެނުގެ ދަތިކަން ހައްލު ކުރުމަށް ސަރުކާރާ ގުޅައިގެން ކުރެވެންހުރި ކޮންމެ ކަމެއް ޕާލަމެންޓްރީ ގްރޫޕުން ކުރާނެ ކަމަށެވެ. އަދި ފެން ނުލިބުމުގެ މައްސަލައަކީ އިރުވައި މޫސުމުގައި ވާރެ ނުވެހިގެން ދިމާވެފައިވާކަމެއް ކަމަށާއި އެކަމަށް ހައްލެއް ހޯދުމަށް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

މި ގަރާރު ހުށަހަޅުއްވަމުން ޒުބެއިރު ވިދާޅުވީ، ފެނުގެ މައްސަލަ ހައްލުކޮށްދެއްވުމަށް އެދި 2009 ވަނަ އަހަރު ދުވާފަރު ރަށު އޮފީހަށާއި، 2010 ވަނަ އަހަރު ހޯމް މިނިސްޓްރީ އަށާއި މިއަހަރު ހައުސިން މިނިސްޓްރީގައި އެދި ތަފާތު މަރުހަލާ ތަކުގައި ދަންނަވާފައިވާނެ ކަމަށެވެ. އަދި ސަރުކާރުގެ ވެރިންނަށް އެ މައްސަލަ ހުށަހަޅައިގެން މިހާތަނަށްވީ އެއްވެސް ކަމެއް ނެތުމުން ގޮތް ހުސްވެ ރައްޔިތުން މަގު މަތިވެ ހިފާ ގެންގުޅޭ ތަކެއްޗާއި ޅަ ދަރިން ގޮވައިގެން ރަށު ކައުސިލް އިމާރާތައް އެ ރައްޔިތުންނަށް ވަންނަން ޖެހުނީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންގެ ގިނަ ބަޔަލު ދުވާފަރު ކައުންސިލް އިދާރާގެ ތެރޭގައި ތިބީ އެނޫން އެއްވެސް ގޮތެއް ނެތިގެން. އާދޭސް ކުރަމުން ސަލާން ޖަހަމުން ގެންދެވިއްޖެ،" ޒުބެއިރު ވިދާޅުވި އެވެ.