16 Mar 2016, 12:08
ސެމްސަންގް ކުންފުނީގެ ގެލެކްސީ ސީރީޒްގެ ފޯނުތަކުގެ އެންމެ ފަހުން ނެރުމަށް ހަމަޖެހިފައިވާ "އެސް ސެވަން" އަދި "އެސް ސެވަން އެޖް" ފޯނުގެ ޕްރީއޯޑަރުގެ ފުރުސަތު އުރީދޫ އިން ހުޅުވާލައިފި އެވެ.
އުރީދޫ އިން އެސް ސެވަންގެ ސީރީޒްގެ ދެ ފޯނު ޕްރީއޯޑަރަށް ނަގަން ފަށާފައި ވަނީ ފޯނު ލިބޭ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނަކާވެސް އެކީގަ އެވެ.
އުރީދޫގެ ސީނިއާ އެގްޒެކެޓިވް ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު މިއަދު ސަން އަށް ވިދާޅުވީ ޕްރީ އޯޑަރަށް ފޯނު ނަގާ ފަރާތްތަކަށް އަހަރު ދުވަސް ވަންދެން ހިލޭ ގުޅާލުމުގެ ފުރުސަތާ އެކު ހިލޭ ޑޭޓާ ލިބިގެންދާނެ ކަމަށެވެ.
"އެއް އަހަރަށް އެއް ޖީބީ ޑޭޓާ އާ 100 ފްރީ މިނިޓްސް ލިބިގެންދާނެ ކޮންމެ މަހަކު،" ނޫރާ ވިދާޅުވި އެވެ.
އުރީދޫ އިން ޕްރީއޯޑަރުގެ ފުރުސަތު ހުޅުވާލި އިރު އުރީދޫގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އިންސްޓޯލްމަންޓަށް ފޯނު ނެގޭ ޕެކޭޖެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ.
ފޯނުތަކުގެ ސްޓޮކް ހުސްވަންދެން ޕްރީއޯޑަރު ނަގަމުން ގެންދާނެ ކަމަށާއި، ކޮންމެ ނަމްބަރަކަށްވެސް ޕްރީއޯޑަރު ކުރެވޭނީ ގިނަވެގެން ދެ ފޯނަށް ކަމަށް އުރީދޫ އިން ބުނެ އެވެ.
އެސް ސެވަން ސީރީޒްގައި ހިމެނެނީ ކަޅު ކުލައާއި، ރަން ކުލަ އަދި ރިހި ކުލައިގެ ފޯނެވެ. އެގޮތުން ގެލެކްސީ އެސް7 ވިއްކުމަށް ހަމަޖެހިފައިވަނީ 11،399 ރުފިޔާއަށެވެ. އަދި އެޖް ވިއްކުމަށް ހަމަޖެހިފައިވަނީ 13,499 ރުފިޔާއަށެވެ.
އިންސްޓޯލްމަންޓަށް ފޯނު ނަގާ ފަރާތްތަކުން ފައިސާ ދެއްކުމަށް ދީފައި ވަނީ އަހަރު ދުވަހުގެ މުއްދަތެވެ. އެސް ސެވަން އިންސްޓޯލްމެންޓަށް ނަގާ ފަރާތްތަކުން މަހަކު ދައްކަން ޖެހޭނީ 789 ރުފިޔާ އެވެ. އެޖް އަށް މަހަކު 989 ރުފިޔާ ދައްކަން ޖެހެ އެވެ.
އިންސްޓޯލްމަންޓަށް ފޯނު ނަގާ ފަރާތްތަކުން ޑައުން ޕޭމަންޓުގެ ގޮތުގައި 1،999 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އުރީދޫ އިން ބުނެ އެވެ.
އެސް ސެވަން ސީރީޒްގެ ފޯނު ރާއްޖޭގައި ލޯންޗު ކުރުމަށް ނިންމާފައި ވަނީ މާޗު 18 ގައެވެ. ނޫރާ ވިދާޅުވީ ރަސްމީކޮށް ފޯނުތައް ލޯންޗުކުރާ ތާރީހުގައި އުރީދޫ މެދުވެރިކޮށް ފޯނަށް އޯޑަރު ދިން ފަރާތްތަކަށް ރާއްޖެއިންވެސް ފޯނު ލިބިގެންދާނެ ކަމަށެވެ.
އެސް ސެވަންގެ ފޯނު ތަކަކީ ގިނަ ވަގުތު ބެޓެރި ހިފަހައްޓާ، ވޯޓާ ޕްރޫފް ފޯނުތަކެކެވެ. އެ ދެ ފޯނު ވެސް ވަޔަލެސްކޮށް ޗާޖު ކުރެވޭ އިރު ފޯނު އޮން ކުރުމަކާ ނުލައި، އަބަދުވެސް ގަޑިއާ ކަލަންޑަރު އަދި މުހިންމު ނޮޓިފިކޭޝަންތައް ސްކްރީނުން ފެންނަން ހުންނާނެ އެވެ.
މީގެ ކުރިން ނެރުނު ފޯނުތަކާ އަޅާބަލާ އިރު ގެލެކްސީ އެސް7ގެ އެންމެ ބޮޑު ތަފާތަކީ އޭގެ 12 މެގަޕިކްސެލްގެ ކެމެރާ އެވެ. އެކެމެރާގައި އާ ދެކަމެއް ހިމެނެ އެވެ. ފުރަތަމަ ކަމަކަށް، އޭގެ އެޕާޗާ ވަނީ ބޮޑުކޮށްފަ އެވެ. އަދި ފޯނުގެ ޕިކްސެލްސް ވަނީ އިތުރުކޮށްފަ އެވެ. ސެމްސަންގުން ބުނާ ގޮތުގައި އޭގެ ސަބަބުން އަނދިރި ތަންތަނުގައި ފްލެޝްއާ ނުލައި ފޮޓޯނަގަން ފަސޭހަވާނެ އެވެ.
ދެވަނަ ކަމަކަށް، އެސް7ގެ ސެންސާގައި "ޑުއަލް ޕިކްސެލް އޮޓޯފޯކަސް" ހިމެނެ އެވެ. އެއީ އެފީޗާ ސްމާޓްފޯނެއްގައި ހިމެނި ފުރަތަމަ ފަހަރެވެ. އެފީޗާ ހިމެނުމުން ފޮޓޯއެއް ނަގާއިރު ފޯކަސް ކުރަން ނަގާ ވަގުތު ކުޑަވެ ވީޑިއޯއެއް ނަގާއިރު ފޯކަސް ކުރަން ފަސޭހަ ވާނެ ކަމަށް ސެމްސަންގުން ވަނީ ބުނެފަ އެވެ.