16 Mar 2016, 10:06
ވޮޝިންޓަން (މާޗް 16): އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ރޭހުން ފްލޮރިޑާގެ ސެނެޓާ، މާކޯ ރޫބިއޯ ވަކިވެވަޑައިގެންފި އެވެ.
ރޫބިއޯ ރޭހުން ވަކިވެވަޑައިގެންނެވީ އޭނާ ނިސްބަތްވާ ފްލޮރިޑާގެ ޕްރައިމަރީން ނާކާމިޔާބު ވުމުންނެވެ. އެ ސްޓޭޓްގައި އިއްޔެ އޮތް ޕްރައިމަރީ 45.4 ޕަސެންޓް ވޯޓާ އެކު ކާމިޔާބު ކުރެއްވީ އެމެރިކާގެ ބިލިއަނަރު، ޑޮނަލްޑް ޓްރަމްޕް އެވެ. ރޫބިއޯއަށް ލިބުނީ 27.1 ޕަސެންޓް ވޯޓެވެ.
ރޭހުން ވަކިވެޑައިގަންނަވަމުން ރޫބިއޯ ވިދާޅުވީ އެމެރިކާ މިހާރު އޮތީ "ސިޔާސީ ތޫފާނެއްގެ" ތެރޭގައި ކަމަށެވެ.
"މިއަހަރު އަޅުގަނޑުމެން ތިބީ ރަނގަޅު ކޮޅުގައި ނަމަވެސް، އަޅުގަނޑުމެން ތިބީ މޮޅުވާނެ ކޮޅުގައެއް ނޫން،" ރޫބިއޯ ވިދާޅުވި އެވެ.
ރޫބިއޯ ވަނީ މީގެ ކުރިން މިނިސޯޓާ އާއި ޕުއޭޓޮ ރީކޯ އާއި ވޮޝިންޓަންގެ ޕްރައިމަރީތައް ކާމިޔާބު ކުރައްވައިފަ އެވެ. ނަމަވެސް، ރޫބިއޯ ސެނެޓަރަކަށް ހުންނަވާ ފްލޮރިޑާގެ ޕްރައިމަރީން 400،000 ވޯޓުގެ ތަފާތުން ނާކާމިޔާބު ވުމުން އޭނާ ވަނީ ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެނޑިޑޭޓަށް ވުމުގެ އުއްމީދު ކަނޑާލައްވާފަ އެވެ. ރޫބިއޯ އަކީ ރިޕަބްލިކަން ޕާޓީގެ އެންމެ ގިނަ ލީޑަރުންނާއި ގަވަރުނަރުންނާއި ސެނެޓަރުންނާއި ކޮންގްރެސް މެމްބަރުންގެ ތާއީދު ލިބިލެއްވި ކެނޑިޑޭޓެވެ.
ރިޔާސީ ރޭހުން ވަކިވުމަށް ފަހު ދެން ތާއިދު ކުރައްވާނީ ކޮން ކެނޑިޑޭޓަކަށް ކަން ރޫބިއޯ ވިދާޅުވެފައި ނުވެ އެވެ. ނަމަވެސް، ފްލޮރިޑާގެ ސެނެޓަރު ކަމަށް ދެވަނަ ފަހަރަށް ކުރިމަތިނުލައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ޓްރަމްޕަށް ފްލޮރިޑާއާއި ނޯތް ކެރޮލައިނާއާއި އިލިނޯއިގެ ޕްރައިމަރީ ކާމިޔާބު ކުރެވުނު ނަމަވެސް، އޮހަޔޯގެ ޕްރައިމަރީން ކާމިޔާބު ހޯއްދެވީ އެސްޓޭޓްގެ ގަވަރުނަރު، ޖޯން ކޭސިކް އެވެ. އެއީ ކޭސިކް ޕްރައިމަރީއެއް ކާމިޔާބު ކުރެއްވި ފުރަތަމަ ފަހަރެވެ.
ރިޔާސީ ރޭހުގައި ބައިވެރިވާ އަނެއް ޕާޓީ ކަމަށްވާ، ޑިމޮކްރަޓިކް ޕާޓީގެ އޮހަޔޯ، ނޯތް ކެރޮލައިނާ އަދި ފްލޮރިޑާގެ ޕްރައިމަރީތަށް ކާމިޔާބު ކުރެއްވީ އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް، ހިލަރީ ކްލިންޓަން އެވެ. (ޕީޓީއައި)