ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ މުހިއްމު ކަންތައްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އެޖަމާއަތުގެ ޕްރޮގްރާމިން ކޮމިޓީގެ ބައްދަލުވުމެއް ފަށައިފި އެވެ.

ނޭޕާލުގެ ޕޮޚާރާގައި އިއްޔެ ފެށި ސާކް ޕްރޮގްރާމިން ކޮމިޓީގެ 52 ވަނަ ބައްދަލުވުމުގައި މަޝްވަރާކުރާނީ ރީޖަނަލް ސެންޓަރުތަކާއި ސާކް ޔުނިވާސިޓީ، ސާކް ޑިވެލޮޕްމެންޓް ފަންޑް، ސާކް އާބިޓްރޭޝަން ކައުންސިލް، ސައުތު އޭޝިއަން ސްޓޭންޑަޑައިޒޭޝަން އޯގަނައިޒޭޝަން ފަދަ މުއްސަސާތަކާ ގުޅޭ ކަންތައްތަކާއި މެދުގައި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ސާކްގެ ގައުމުތަކުގެ މެދުގައި ހާއްސަ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ވެސް ބައްދަލުވުމުގައި މަޝްވަރާކުރާނެ އެވެ. އެގޮތުން މަޝްވަރާތައް ކުރާނެ ދާއިރާތަކުގެ ތެރޭގައި ދަނޑުވެރިކަން، ރަށްފުށު ސަރަހައްދުތަކުގެ ތަރައްގީ، ޓެރަރިޒަމް ، މަސްތުވާތަކެތި ކޮންޓްރޯލްކުރުމާއި މީޑިއާގެ ދާއިރާ ހިމެނެއެވެ.

ސާކްގެ ޕްރޮގްރާމިން ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަފުދުގެ ވެރިޔަކީ ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ފަރްޒާނާ ޒާހިރެވެ.