16 Mar 2016, 10:20
ޖަރުމަނުގެ ބާލިންގައި ކުރިއަށް ދިޔަ އައިޓީބީ ފެއާގައި ރާއްޖޭގެ އިގްތިސާދު ހަލާކުކޮށްލުމަށް ސަރުކާރާ އިދިކޮޅު ފަރާތްތަކުން މަސައްކަތް ކޮށްފައިވާ ކަމަށް ބުނެ، އެކަން ކުށްވެރިކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމުން ކުއްލި މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ބަލައިގަތުމާ މެދު ވޯޓު ނަގައިފަ އެވެ. އަދި 29 މެމްބަރުން ވޯޓު ދެއްވައިގެން އެ ކުއްލި މައްސަލަ ބަލައިގަނެ، ކުއްލި މައްސަލައާ މެދު ބަހުސް ކުރުމަށް ވަނީ ނިންމާފަ އެވެ.
މުބީން ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވައި ދެއްވަމުން މުބީން ވިދާޅުވީ އައިޓީބީ ފެއާ އަކީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ލިބިގެން ދިޔަ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ މުސްތަގުބަލަށް ޓަކައި އައިޓީބީ ފެއާގެ ބޭނުން ސަރުކާރުން ރަނގަޅު ގޮތުގައި ހިފާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. މުބީން ވިދާޅުވީ އައިޓީބީ ފެއާގެ ސަބަބުން ރާއްޖޭއާ މެދު އޮންނަ ޝައުގުވެރިކަން އިތުރުވެފައިވާ ކަމަށެވެ.
"ހިތާމައަކީ އައިޓީބީ ފެއާ ކާމިޔާބު ކަމާއި އެކީގައި ވަރަށް ރަނގަޅަށް ކުރިއަށް ގެންދިއުމަށް ބަޔަކު މަސައްކަތް ކުރަނިކޮށް، މި ރާއްޖޭގެ އިގްތިސާދު ފުނޑާލައި މި ރައްޖޭގެ ރައްޔިތުންނަށް ގަސްތުގައި ގެއްލުން ދިނުމުގެ މަގްސަދުގައި އަމިއްލަ އެދުމުން ސަރުކާރާ އިދިކޮޅު ފަރާތްތަކުން އިސްވެ ތިބެ، ރާއްޖޭގެ ނުހަނު ހަގީގަތެއް ނެތް ވާހަކަތަކެއް ބޭރުގެ ފަރާތްތަކަށް ދެއްކުމަށް މަސައްކަތްކޮށް، ރާއްޖޭގެ ނަން ކިލަނބުކޮށް ނުރައްކާތެރިި މަސައްކަތެއް ކޮށްފައިވާކަން މި ފުރުސަތުގައި ފާހަގަކުރަން،" މުބީން ވިދާޅުވި އެވެ.