އެކި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކުރާ ފަރާތްތައް ވަގުތީ ގޮތުން ބަންދު ކުރުމަށް ކ.ކާށިދޫގައި ޕޮލިސް ކަސްޓޯޑިއަލްއެއް ހަދައިފި އެވެ.

ހޯމް މިނިސްޓްރީ އިން ބުނީ، މާރިޗު މަހުގެ ހަތް ވަނަ ދުވަހު ކާށިދޫ ޕޮލިސް ކަސްޓޯޑިއަލް އަކީ ކަސްޓޯޑިއަލް ޖަލެއް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

ކާށިދޫ ޕޮލިސް ކަސްޓޯޑިއަލް ހިންގަމުން ދާނީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ދަށުން ކަމަށް ހޯމް މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

މީހުން ބަންދު ކުރާ މަރުކަޒުތަކަކީ ކޮބައިކަން އިއުލާނު ކުރުން ހޯމް މިނިސްޓްރީގެ މައްޗަށް ގާނޫނުން ލާޒިމުކުރާ އިރު، ކާށިދޫގައި ޕޮލިސް ކަސްޓޯޑިއަލް ޖަލެއް ގާއިމު ކުރިކަން އެ މިނިސްޓްރީ އިން އިއުލާނު ކުރީ މި މަހުގެ 14 ވަނަ ދުވަހު އެވެ.

ފުލުހުންގެ ބެލުމުގެ ދަށުން ހިންގާ ގިނަ އަދަދެއްގެ ޕޮލިސް ކަސްޓޯޑިއަލްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ގާއިމުކޮށްފަ އެވެ.